ލަންޑަންގައި ހިދުމަތް ދިނުމުގެ ހުއްދަ އޫބާއަށް ގެއްލިއްޖެ
އިންގްލެންޑްގެ ވެރިރަށް، ލަންޑަންގައި ހިދުމަތް ދިނުމުގެ ހުއްދަ އޫބާއަށް ގެއްލިއްޖެއެވެ.
ލަންޑަންގެ ދަތުރުފަތުރާއި ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، އެ ސިޓީގައި ހިދުމަތް ދިނުމުގެ ހުއްދަ ދެން އޫބާއަށް ނުލިބޭނެއެވެ. އޫބާގެ ޓެކްސީ އެޕްލިކޭޝަންއަކީ އެފަދަ ހިދުމަތެއް ދިނުމަށް ފުރިހަމަ އެޕްލިކޭޝަނެއް ނޫން ކަމަށާއި ސަލާމަތީ ކަންކަން ފެއިލްވުމުގެ މައްސަލަ ތަކުރާރުވަމުންދާ ކަމަށް ލަންޑަންގެ ދަތުރުފަތުރާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
އޫބާ އިން ލަންޑަނުގައި ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ހުއްދަ، 2017 ވަނަ އަހަރުވެސް ގެއްލުނެވެ. ނަމަވެސް އޭގެ ފަހުން އަލުން ދެ އަހަރަށް ދެވުނު ހުއްދައިގެ މުއްދަތު ހަމަވީ އާދިއްތަ ދުވަހަށެވެ.
ހުއްދައިގެ މައްސަލައިގައި އޫބާއިން އެކަން އިސްތިއުނާފު ކުރުމަށް ހުށަހަޅާނެއެވެ.
ލަންޑަނުގެ ދަތުރުފަތުރާއި ބެހޭ އިދާރާއިން ބުނި ގޮތުގައި، އޫބާގެ ސިސްޓަމްގައި ހުރި މައްސަލަތަކުގެ ސަބަބުން ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ނުރައްކަލެއްގެ ތެރޭގައެވެ. އެގޮތުން އެއް ޑްރައިވަރަކަށް، އެހެން ޑްރައިވަރެއްގެ ޕްރޮފައިލް ފޮޓޯ ބަދަލު ކުރެވޭ ކަން އެ އިދާރާއިން ފާހަގަކުރެއެވެ.
އޫބާގެ 45000 ޑްރައިވަރުން ލަންޑަނުގައި މަސައްކަތް ކުރެއެވެ. ލަންޑަނަކީ އޫބާ އެންމެ ފަދަ ފަސް މާކެޓްގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ.