މައިކްރޯސޮފްޓް ސާފޭސް ޑުއޯ އަންނަ މަހު ބާޒާރަށް

މައިކްރޯސޮފްޓްގެ ފުރަތަމަ ޑުއަލް-ސްކްރީން އެންޑްރޮއިޑް ސްމާޓްފޯނު، މައިކްރޯސޮފްޓް ސާފޭސް ޑުއޯ އަންނަ މަހު ވިއްކަން ހަމަޖެހިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މައިކްރޯސޮފްޓުން ދައްކާލި ފޯނެކެވެ. އޭރު މައިކްރޯސޮފްޓުން ވަނީ ސާފޭސް ނިއޯ ޑުއަލް-ސްކްރީން ޓެބްލެޓް، ސާފޭސް ލެޕްޓޮޕް 3، ސާފޭސް ޕްރޯ 7 އަދި ސާދޭސް ޕްރޯ އެކްސް ދައްކާލާފައެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން، މައިކްރޯސޮފްޓް ސާފޭސް ޑުއޯ ވިއްކަން ފަށާނީ ސެޕްޓެމްބަރު 10 ގައެވެ.

ވަކި ދެ އޯލެޑް ޑިސްޕްލޭ ހިމެނޭ މި ފޯނުގެ އަގު ފެށެނީ 1399 ޑޮލަރުންނެވެ. އިންޓާނަލް ސްޓޯރޭޖް 128 ޖީބީ އަދި 256 ޖީބީގެ ފޯނު ނެރޭއިރު، 6 ޖީބީގެ ރެމްއެއް ހިމެނެއެވެ. މި ފޯނުގައި 11 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ. މިފޯނުގައި ވަނީ 3577 އެމްއޭއެޗްގެ ބެޓެރީއެވެ.