ވާވޭ 5ޖީ މަނާކުރުމާމެދު އިނގިރޭސިވިލާތުން ގޮތެއް ނިންމަނީ

ވާވޭ 5ޖީ އިނގިރޭސިވިލާތުގައި މަނާކުރުމާމެދު ގޮތެއް ނިންމުމަށް ތައްޔާރުވެއްޖެއެވެ.

ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭ 5ޖީ ނެޓްވޯކް އިނގިރޭސިވިލާތުގައި މަނާކުރުމާމެދު، އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެ ނިންމުން ނިންމުމަށް ބާއްވާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންއެވެ. އެ ކައުންސިލުން ގޮތެއް ނިންމި ނަމަވެސް، އެކަން ފަހަރުގައި ވަގުތުން ވަގުތަށް އިއުލާނު ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ވާވޭގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، އެމެރިކާ އިން ވެސް ދަނީ އިނގިރޭސިވިލާތުގައި ވާވޭ މަނާކުރުމަށް ބާރު އަޅަމުންނެވެ. ނަމަވެސް ވާވޭ އިން ބުނަމުން ދަނީ ޗައިނާ ސަރުކާރުން އަންގާ ގޮތަކަށް އަމަލު ނުކުރާނެ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، އެމެރިކާ އިން މިދިޔަ އަހަރު ވަނީ ވާވޭ އާއި އެ ކުންފުންޏާއި ގުޅުންހުރި 68 ކުންފުންޏެއްގެ އުފެއްދުންތައް އެމެރިކާގައި މަނާކޮށްފައެވެ.