ވަޓްސްއެޕްގެ އައު އުސޫލު ގަބޫލުނުކުރާނަމަ ހިދުމަތް ނުލިބޭނެ

ވަޓްސްއެޕްގެ އައު ޓާމްސް އެންޑް ކޮންޑިޝަންސް ގަބޫލުނުކުރާނަމަ އެ އެޕްލިކޭޝަންގެ ހިދުމަތް ނުލިބޭނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަދާހަމަކޮށްފައިވާ ވަޓްސްއެޕްގެ ޓާމްސް އެންޑް ކޮންޑިޝަންސް، މިއަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ގަބޫލުނުކުރާ ފަރާތްތަކަށް ވަޓްސްއެޕް މެސެޖް ފޮނުވުމާއި ލިބުމުގެ ހިދުމަތް ކެނޑޭނެއެވެ. އެމީހުންގެ ވަޓްސްއެޕް އެކައުންޓް "އިންއެކްޓިވް" އެކައުންޓްގެ ގޮތުގައި ލިސްޓް ކުރެވޭއިރު 120 ދުވަސްފަހުން އެ އެކައުންޓްތައް ޑިލީޓްކުރެވޭނެއެވެ.

ވަޓްސްއެޕް ފޯނު ކޯލުގެ ހިދުމަތް "ކުރު މުއްދައްތަކަށް" ލިބޭނެ ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއީ "މަދު ހަފުތާތަކަކަށް" ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގެ އައު ޓާމްސް އެންޑް ކޮންޑިޝަންސްގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ބައެއް މައުލޫމާތު، ވަޓްސްއެޕް އިން މިހާރުވެސް ދަނީ ބެލެނިވެރި ކުންފުނި ފޭސްބުކްއާ ހިއްސާކުރަމުންނެެވެ.

ވަޓްސްއެޕް ގެ ޓާމްސް އެންޑް ކޮންޑިޝަންސްގެ ސަބަބުން ޓެލެގްރާމް އަދި ސިގްނަލް ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.