އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖް ޑެސްކްޓޮޕަށް

އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖް (ޑީއެމް) ޑެސްކްޓޮޕަށް ލިބޭ ގޮތް ހަދައިފިއެވެ.

ފޭސްބުކް އިން ހިންގަމުން އަންނަ އިންސްޓަގްރާމަށް ކުރިންވެސް ކޮމްޕިއުޓަރު އަދި ލެޕްޓޮޕުން ވަދެވެއެވެ. ނަމަވެސް ކޮމްޕިއުޓަރު އަދި ލެޕްޓޮޕަށް އިންސްޓަގްރާމްގެ ޑީއެމް ނުލިބެއެވެ. ޑީއެމް މިހާތަނަށް ލިބުނީ އިންސްޓަގްރާމްގެ މޯބައިލް އެޕް މެދުވެރިކޮށް އެކަންޏެވެ.

އިންސްޓަގްރާމުން ކޮމްޕިއުޓަރު އަދި ލެޕްޓޮޕަށް ޑީއެމް ދިނުމަށް ޓެސްޓްކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އިންސްޓަގްރާމުން ބުނީ އަލަށް ގެނެވުނު ބަދަލުގެ ސަބަބުން، ކޮމްޕިއުޓަރު އަދި ލެޕްޓޮޕް ބޭނުންކުރާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފޮޓޯ ޝެއާކުރުމުގައި އެންމެ މަގުބޫލު އެއް ސޯޝަލް ނެޓްވޯކް އަކީ އިންސްޓަގްރާމްއެވެ. އިންސްޓަގްރާމް ލޯންޗްކުރީ 2010 ވަނަ އަހަރުއެވެ. 30 އަށްވުރެ ގިނަ ބަހުން އިންސްޓަގްރާމްގެ ހިދުމަތް ލިބެއެވެ.