މީހުން ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ދަތުގެ ޑޮކްޓަރުން ބިރުގަނޭ!
ދަތަކީވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެކެވެ. ފަރުވާ ކުޑަކުރެވިއްޖެނަމަ ނުވަތަ ދަތާއި މެދު ކަންތައް ކުރެވޭ ގޮތުން ދަތްތަކަށް ގެއްލުން ލިބެއެވެ.
ހަގީގަތަކީ، މީހުން ގެންގުޅޭ ބައެއް ނުރަނގަޅު އާދަތަކުގެ ސަބަބުންވެސް ދަތްތަކަށް ގެއްލުން ލިބޭ ކަމެވެ. މީހުންގެ ކިބައިން ފެންނަ މިފަދަ ބައެއް އާދަތަކުގެ ސަބަބުން، ދަތުގެ ޑޮކްޓަރުންވެސް ބިރުގަނެއެވެ.
ހަތިޔާރެއްގެ ގޮތުގައި ދަތް ބޭނުން ކުރުން
ދަތް ބޭނުންކޮށްގެން އެއްޗެހީގައި ހިފުމާއި، ޕެކެޓް ފަދަ ތަކެތި ކެނޑުމަށް ވަރަށް ގިނަ މީހުން ދަތް ބޭނުން ކުރެއެވެ. މިއީ ވަރަށް ފަސޭހައިން ދަތްތަކަށް ގެއްލުން ލިބޭނޭ ކަމެކެވެ.
އައިސްކިއުބް ހެފުން
ބައެއް މީހުން، އަނގަޔަށް އައިސްކިއުބް އަޅައިގެން އުޅެއެވެ. މިހާ ފިނި އެއްޗެއް އަނގަޔަށް ލައިގެން އުޅުމަކީ ދަތްތަކަށް ދެވޭ ބޮޑު ގެއްލުމެކެވެ. އާންމުކޮށް އައިސްކިއުން އަނގަޔަށް ލައިގެން ހަފާނަމަ، ދަތް ބިންދައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެސިޑިކް ކާބޯތަކެތި ބޭނުންކުރުމަށްފަހު ވަގުތުން ދަތް އުނގުޅުން
ދަތްއުނގުޅާ ބޭސް އުފައްދާ "ކޮލްގެޓް" ގެ ތަޖުރިބާކާރުން ބުނާ ގޮތުން، އޮރެންޖް ޖޫސް ފަދަ އެސިޑިކް ތަކެތި ބުއިމަށްފަހު ވަގުތުން ދަތް އުނގުޅާނަމަ، ދަތްތަކަށް ގެއްލުންވެއެވެ. އެސިޑިކް ކާނާ އަދި ބުއިންތަކުގެ ސަބަބުން ދަތުގެ ބޭރު ފަށަލައިގެ ބާރު ދެރަވެއެވެ. މިހެން ހުއްޓާ ދަތް އުނގުޅުމުގެ ސަބަބުން މަޑުމަޑުން ދަތްތައް ހަލާކުވެގެންދެއެވެ. އެސިޑިކް ކާނާއެއް ކެއުމަށްފަހު ނުވަތަ ބުއިމެއް ބުއިމަށްފަހު ދަތް އުނގުޅުމާ ދޭތެރޭ މަދުވެގެން 30 މިނެޓް މަޑުކޮށްލުން އެދެވިގެންވެއެވެ.
މާބޮޑަށް ބާރުލާފައި ދަތް އުނގުޅުން
މާބޮޑަށް ބާރުލައިގެން ދަތް އުނގުޅާނަމަ، ދަތްތައް ހަލާކުވެ ހިރުގަނޑަށްވެސް ގެއްލުން ލިބެއެވެ. މާ ހަރު ބުރުހެއް ބޭނުންކުރާނަމަ ލިބޭ ގެއްލުން އިތުރުވެގެންދެއެވެ. މިހެންވިޔަ ނުދިނުމަށްޓަކައި އެހާ ހަރުނޫން ބުރުހެއް ބޭނުންކޮށްގެން މަޑުމަޑުން ދަތް އުނގުޅާށެވެ.
ކާބޯހައިޑްރޭޓް ހުންނަ ކާނާ މާގިނައިން ކެއުން
ބަތް، ރޮށި، ޕާން، ޕާސްތާ އަދި އޯޓްސް ކަހަލަ ތަތްގަދަ ކާނާ ނަމަ ދަތުގައި މިތަކެތި ހަރުލުމުގެ ފުރުސަތު ބޮޑުވެންދެއެވެ. އަދި މިތަކެތި ދަތުގައި ހަރުލުމުގެ ސަބަބުން އަނގައިގެ ޕީއެޗް ބެލެންސްއަށް ބަދަލު އާދެއެވެ.
ފިޒީ ޑްރިންކް ބުއިން
ފިޒީ ބުއިންތަކުގެ ސަބަބުން ގެއްލުންވަނީ އޭގައި އެކުލެވޭ ހަކުރުގެ ސަބަބުން އެކަންޏެއް ނޫނެވެ. އޭގައި އެކުލެވިގެންވާ ފޯސްފޯރިކް އަދި ސިޓްރިކް އެސިޑްގެ ސަބަބުން، ދަތް ރައްކާތެރިކޮށްދޭ ދަތުގެ ބޭރު ފަށަލަ ހަލާކުވެގެންދެއެވެ.
ދަތް ހުދުކުރުމަށް ބޭނުންކުރާ އާލާތްތައް މާގިނައިން ބޭނުންކުރުން
ކޮންމެ މީހަކުވެސް ހުދު ދަތްޕިލައެއް ބޭނުންވާނެއެވެ. ނަމަވެސް ދަތް ހުދުކުރުމަށް ބޭނުންކުރާ އާލާތްތައް އެކަށީގެން ނުވާ ވަރަށް މާ ގިނައިން ބޭނުން ކުރުމުގެ ސަބަބުން ދަތުގައި ހުންނަ ޕްރޮޓިން ރިޗް ޑެންޓައިލް ޓިޝޫތައް ހަލާކުވެއެވެ.