ޖިމަށް ދަނީވެސް މޭކްއަޕް ކޮށްގެންތަ؟ އޭގެ ނޭދެވޭ އަސަރުތައް އެނގޭތަ؟

ކަސްރަތުކުރަން ޖިމަށްދާއިރު ދަނީ މޭކްއަޕްކޮށްގެން ހުރެ ހެއްޔެވެ؟ މޭކްއަޕްކޮށްގެން ހުރެ ޖިމަށްދާނަމަ ނޭނގި ނަމަވެސް ތި ހެދެނީ ގޯހެކެވެ.

މޭކްއަޕްއަކީ އިންސާނާގެ ހަންގަނޑުގެ މަތިން ލެވޭ ފަށަލައެކެވެ. ކަސްރަތު ކުރުމުން އިންސާނާގެ ހަށިގަނޑުން ވަރަށް ގިނައިން ދާ ހިއްލާނެއެވެ. މި ގޮތަށް އުފެދޭ ދަލާއި މޭކްއަޕް އެއްވުމުން އޭގެ ނުރަނގަޅު އަސަރު އިންސާނާގެ ހަންގަނޑަށް ކުރާކަން އެނގޭ ހެއްޔެވެ؟

މިއީ ހަންގަނޑުގައި ޖަރާސީމު އަށަގަތުމަށް މެދުވެރިވާ ކަމެކެވެ. އޭގެ އިތުރުން މޫނުގައި ކުދި ބިހި ނެގުމާއި ހަންގަނޑުގެ ކުލަ ބަދަލުވުމަށް މަގުފަހިކުރުވާ ކަމެކެވެ.

ހެނދުނު ކުރާ މޭކްއަޕްގެ އަސަރެއް، ހަވީރު ނުހުންނާނެއެވެ. އެހެންކަމުން ހެނދުނު މޭކްއަޕް ކުރި ނަމަވެސް، އަލުން މޭކްއަޕް އާ ނުކުރާ ނަމަ ހަވީރު ނުވަތަ ރޭގަނޑު ކަސްރަތުކުރުމަކީ މައްސަލައެއް ނޫނެވެ.

ކަސްރަތު ކުރަން ދާއިރު މޭކްއަޕްގެ އަސަރު ހުރިނަމަ، މޭކްއަޕްގެ އަސަރު ފިލުވާލާށެވެ. މޭކްއަޕްގެ އަސަރު ފިލުވާލުމަށް ބާރުގަދަ ކެމިކަލް އެކުލެވޭ އުފެއްދުންތައް ބޭނުން ނުކުރާށެވެ.