ރީތިކަން ދެމެހެއްޓުމަށް ނިދި ވަރަށް މުހިންމު

ދުވާލު ހަށިގަނޑަށްވެފައިވާ ވަރުބަލިކަމާއި ލިބިފައި ހުރި ގެއްލުންތަކަށް ނިދާފައި އޮންނަ ވަގުތު ފަރުވާ ލިބޭނެއެވެ. ނިދި ހަމަ ނުކޮށް އަނެއް ދުވަހު ކަމެއް ކުރަން އުޅުނަސް އެކަން އެންމެ ފުރިހަމަކޮށް ކުރެވޭނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. މިހެންވެ ރޭގަނޑު ނިދާވަގުތު ނިދި ހަމަ ކުރުމަކީ، ހޭލާއިރު ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

ރަނގަޅަށް ނިދި ހަމަ ކޮށްފިނަމަ ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭނެއެވެ. ނިދި ހަމަ ކުރުމަށް ކުރެވިދާނެ ކަންތައްވެސް ހުންނާނެއެވެ. އަދި ނިދި ހަމަ ނުވެގެން ދިމާވާ މައްސަލަތަކަށް ކުރެވިދާނެ ކަންތައްވެސް ހުންނާނެއެވެ.

ބިހި ނެގުމުން ސަލާމަތްވުން: ސްޓްރެސް ވުމުން މޫނިގައި ބިހިނަގާކަމަށް ދިރާސާތަކުން ދަށްކައެވެ. ރަނގަޅަށް ނިދި ހަމަ ނުވާނެ ސަބަބެއް ކަމުގައި ސްޓްރެސްވެއެވެ. މި ދެކަންތައް ގުޅިގެން ރަނގަޅަށް ނުނިދިއްޖެ ކަމުގައި ވާނަމަ މޫނުގައި ބިހި ނެގުން އިތުރުވާނެއެވެ. ސްޓްރެސް މަދުކޮށް ނިދި ގިނަކުރާށެވެ. އަދި ނިދުމުގެ ކުރިން ފެން ތައްޓެއް ބުއިންވެސް އާދަ ކުރާށެވެ. އޭރުން މޫނުން ތި ބިހިތައް ފިލައިދާނެއެވެ.

ލޯ ރީތިކޮށް ބެހެއްޓުން: ނިދި ހަމަ ނުވެގެން ލޯ ކައިރި ކަޅުވާކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ބައެއް މީހުންގެ މި ސިފަ އަކީ އާއިލީ ގޮތުން ވާރުތަވާ ސިފައެކެވެ. ނަމަވެސް ރަނގަޅަށް ނިދި ހަމަ ނުވާނަމަ މި މީހުން ވެސް ލޯ ކައިރި އިތުރަށް ކަޅުވާނެއެވެ. ލޯ ދުޅަވުމަކީވެސް ނިދައިން ހޭލާއިރު ދިމާވާ މައްސަލައެކެވެ. މިއީ ބޯ މާތިރީގައި ބާއްވައިގެން ނިދާތީ ކަމައްވެސް ވެދާނެއެވެ. ހެލާއިރު ލޯ ދުޅަވެފައި ހުންނަ ކަމުގައި ވާނަމަ ފިނި ފޮރި ކޮޅެއް ލޯމަތީގައި އިރުކޮޅެއް ވަންދެން ބާއްވާލާށެވެ. ނުވަތަ ބޯ ދަށަށް އިތުރު ބާލީހެއް ލައިގެން ނިދާށެވެ. ރޭގަނޑު ލޮނު އެއްޗެހިން ދުރުވުމުންވެސް މޫނު ނުވަތަ ލޯ ދުޅަވުމުން ދުރުހެލި ކޮށްދޭނެއެވެ.

ހަންގަނޑުގެ ކުލަ ދެމެހެއްޓުން: ނިދި ހަމަ ނުވާ ރެއެއްނަމަ އަނެއް ދުވަހު މޫނުމަތިން އެއްވެސް ތާޒާ ކަމެއް ފެންނާކަށް ނުހުންނާނެއެވެ. އެއީ ލޭ ދައުރު ވާންވާވަރަށް ނިދި ވަގުތު ކޮޅު ކުޑަކަމުން ލޭ ދައުރު ނުވީއެވެ. ނަމަވެސް ރަނގަޅަށް ނިދިއްޖެ ކަމުގައި ވާނަމަ މޫނު ވަރަށް ތާޒާ ވާނެއެވެ.

ނިދުމުގެ ކުރިން ފެންވެރުން: ފިނި ނުވަތަ އާދައިގެ ފެނުން ފެންވެރުމުގެ ބަދަލުގައި ތާފަނާ ފެނުން ފެންވަރާށެވެ. އޭރުން ނިދަން ފަސޭހަވާނެއެވެ. އަދި ހަށިގަނޑުގެ ހަންގަނޑަށް ވެސް ފަސޭހަވާނެއެވެ.

ބަންޑުން ނުނިދުން: ބަންޑުން ނިދާކަމުގައި ވާނަމަ މޫނުގައި ރޫޖެހުން އިތުރުވެދާނެއެވެ. ބަންޑުން ނޫނީ ނުނިދޭކަމުގައި ވާނަމަ ސެޓިން ފޮތީގެ އުރަ ބޭނުން ކުރާށެވެ. އޭރުން ރޫޖެހުން މަދު ކޮއްދޭނެއެވެ.