ތޮފި އެޅީމަ ބޮލުން އިސްތަށި ފައިބާތަ؟

ބައެއް މީހުން ތޮފި އަޅަނީ ބޮލުން އިސްތަށިފައިވާތީ އެކަން ފޮރުވުމަށެވެ. މިހެން ކަންތައްކުރުމުން އެކުގައި އުޅޭ މީހުންނަށް ވިސްނެނީ އިސްތަށި ފައިބަނީ ތޮފި އެޅުމުންކަމަށެވެ.

ޔޫސީއެލްއޭ ހެލްތުގައި މަސައްކަތް ކުރާ ހަމުގެ ޑރ. ގޯލްބަޗް ވިދާޅުވި ގޮތުގައި ތޮފި އެޅުމަކީ ބޮލުން އިސްތަށި ފޭބުމަށް މަގުފަހިވާ ކަމެއް ނޫނެވެ.

"އިސްތަށި ފޭބުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރަނީ ޖެނެޓިކްސް" ނިއުޔޯކްގެ މައުންޓް ސިނައީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޕްލާސްޓިކް ސާރޖަން ޑރ. މައިކަލް ވިދާޅުވިއެވެ. ޑރ. މައިކަލް ވިދާޅުވި ގޮތުގައި އަންހެނުންވެސް އަދި ފިރިހެނުންގެވެސް އިސްތަށި ފޭބުމަށް މެދުވެރިވަނީ "ޑައިހައިޑްރޮސް ޓެސްޓެސްޓެރޯން" ކިޔާ ހޯމޯންއަކަށް ސެންސެޓިވްވުމުންނެވެ. މި ހޯމޯން ބޮލުގެ އިތުރުން ހަށިގަނޑުގެ އެހެން ހިސާބުތަކުންވެސް ފެންނާނެ ކަމަށް ޑރ. މައިކަލް ވިދާޅުވިއެވެ.

އިސްތަށި ފޭބުމަށް މެދުވެރިވާ އެހެން ބައިވަރު ސަބަބުތައް ހުރެދާނެއެވެ. ކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މާ ބާރަށް އިސްތަށިގަނޑު އެއްސުން ނުވަތަ ބާރަށް އިސްތަށިގަނޑު ގަތާފައި ބެހެއްޓުމުން ހެެއަރ ފޮލިކަލްސް އަށް ބާރުކުރެއެވެ. މި ގޮތަށް ގިނަ އަހަރުތަކެއް ވަންދެން ފޮލިކަލްސްތަކަށް ބާރުކުރުމުން އިސްތަށި ފައިވަން މެދުވެރިވެދާނެއެވެ.

ތޮފި އެޅުމުގައިވެސް ވިސްނާލަން ޖެހޭ ބައެއް ކަންތައްތައް ހުރެއެވެ. ގިނަ މީހުން، ފޮލިކަލްސްތަކަށް ބާރުކުރާ ވަރަށް ތޮފި ނާޅަ ދާނެއެވެ. ހަންގަނޑުގައި ތޮފި އެޅިކަމުގެ އަސަރު ފެންނަ ހުންނަވަރުގެ ބާރު ތޮފި އަޅާނަމަ، އެއަށްވުރެން ދޫ ތޮތްޕެއް އެޅުމަކީ ބުއްދިވެރިކަމެކެވެ. ބާރުކޮށް، ގިނަ އިރުތަކެއް ވާންދެން، ނުވަތަ މިގޮތަށް ގިނަ ދުވަހު ތޮފި އަޅާކަމުގައިވަނީނަމަ އިސްތަށިގަނޑަށް މިކަމުގެ އަސަރު ކޮށްދާނެއެވެ. ހޫނު މޫސުމުގައި ބޮލުން ދާ ހިއްލަނިކޮށް ތޮފި އަޅާކަމުގައި ވާނަމަވެސް ބޮލުން އިސްތަށި ފައިބަދާނެއެވެ. ދަލުގައި ހުންނަ ލޮނަކީ ހަމަށް ވަރަށް އަސަރު ކުރާ ބާވަތެކެވެ. ދަލުން ފޯވެފައި ހުންނަ ތޮފި އަބަދު އެޅުމުން އިސްތަށިފޭބުން އަވަސްވެދާނެއެވެ.

މިކަމުގެ މާހިރުން ބުނާ ގޮތުގައި ތޮފި އެޅުމުން ލިބޭ ފައިދާ، ލިބޭ ގެއްލުމަށް ވުރެން ބޮޑުވާނެއެވެ. ތޮފި އެޅުމުން، އިރުން ދޭ ޔޫ.ވީ ގެ ގެއްލުންތަކުން އެ މީހެއްގެ ބޮލާއި މޫނު ރައްކާތެރިކޮށްދޭނެއެވެ. ކުރުކޮށް ބުނާނަމަ ތޮފި އެޅުމުން އިސްތަށި ފޭބުމަށް މަގު ފައްސެއްނުވެއެވެ.