ރޭގަނޑު ކެއުމަށް އެންމެ ރަނގަޅީ ވީހާވެސް އިރާކޮޅު

ރޭގަނޑު އާންމުކޮށް ކަނީ ނިދަން ވަރަށް ކައިރިކޮށްފައިތަ؟ ރޭގަނޑު ކެއުމަށް އިންސާފުކުރަން އެންމެ ރަނގަޅީ ވީހާވެސް އިރާކޮޅެވެ. ކަމުގެ ތަޖުރިބާކާރުން ލަފާދެނީ ރޭގަނޑުގެ ކެއުން ރޭގަނޑު 8 އަށްވުރެ ލަސްނުކުރުމަށެވެ. ރަނގަޅީ ރޭގަނޑު 7 ގެ ކުރިން ކެއުން ނިންމާލުމެވެ. އެއަށްފަހު ނިދުމާއި ދޭތެރޭ މަދުވެގެން ދެ ގަޑިއިރު ހޭދަކުރުމެވެ.

މިއީ އިރާކޮޅު ކެއުމުން ލިބޭ ބައެއް ސިއްހީ ފައިދާތަކެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކެންސަރާއި ގުޅޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ރޭގަނޑު ކެއުމަށްފަހު ނިދުމާއި ދޭތެރޭ މަދުވެގެން ދެ ގަޑިއިރު ހޭދަވާނަމަ ކެެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

އެގޮތުން ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު 26 އިންސައްތަ ކުޑަކޮށްދޭއިރު އަންހެނުންނަށް ބްރެސްޓް ކެންސަރު ޖެހުމުގެ ފުރުސަތު 16 އިންސައްތައަށް ކުޑަކޮށްދެއެވެ.

މޫޑް ރަނގަޅުކޮށްދީ ހަކަތަ އިތުރުކޮށްދޭ

އިރާކޮޅު ކެއުމުން، ބްލަޑް ޝުގާ ލެވަލް ހަމަޖެހުމަށް ހަށިގަނޑަށް ވަގުތު ލިބެއެވެ. ނަތީޖާއަކީ ބޮލުގައި ރިއްސުމާއި ބޯއެނބުރުން އަދި ވަރުބަލިވުމުން ދުރުކޮށްދިނުމެވެ.

ހަޖަމްގެ ނިޒާމު ރަނގަޅުކޮށްދޭ

ރޭގަނޑު ނިދަން ކައިރިކޮށް ކެއުމުން، އެ ކޭތަކެތި ރަނގަޅަށް ހަޖަމެއް ނުވެއެވެ. ނަތީޖާއަކީ ބަނޑުގައި ގޭސް އުފެދުމާއި ބަނޑުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވުމެވެ. މިހުރިހާ ކަމެއްގެ ހައްލަކީ ރޭގަނޑުގެ ކެއުމަށްފަހު ނިދުމާއި ދޭތެރޭ އެކަށީގެންވާ ވަރަށް ވަގުތުކޮޅެއް ދިނުމެވެ.

ނިދަން ފަސޭހަކޮށްދޭ

ނިދަން ކައިރިކޮށް ކެއުމުން، ބައެއް މީހުންނަށް ނިދަން އުނދަގޫވެއެވެ. ނިދަން މަސައްކަތް ކުރަމުންދާއިރު، އޭގެ ކުޑައިރުކޮޅެއް ކުރިން ކޭތަކެތި ހަޖަމްކުރުމުގެ މަސައްކަތް ހަޖަމްކުރާ ނިޒާމުން އޭރު ދާނީ ކުރަމުންނެވެ.

އެެހެންކަމުން ރޭގަނޑުގެ ކެއުމަށްފަހު ނިދުމާއި ދޭތެރޭ ވަގުތުކޮޅެއް ދޭށެވެ. މަދުވެގެން ދެ ގަޑިއިރެވެ.