ފުރާވަރު ކުދިންގެ އާދަކާދައިގެ ސަބަބުން ސިއްހަތަށް ގެއްލުންވޭ!

ފުރާވަރު އުމުރު ފުރާގެ ކުދިންގެ ތެރެއިން ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ، ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް ހުށަހެޅިފައިވާ ކުދިންނެވެ.

ދިރާސާތަކުން ދައްކާ ގޮތުން، ފުރާވަރު އުމުރު ފުރާގެ ކުދިންގެ ތެރެއިން ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ، އެކަށީގެންވާ މިންވަރަށް މޭވާ އާއި ތަރުކާރީ ކާ ކުދިންނެއް ނޫނެވެ. އަދި އެކަށީގެންވާ މިންވަރަށް ހަރަކާތްތެރިވެ ނޫޅޭ ކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ތަފާސްހިސާބު ބޭނުންކޮށްގެން އޮސްޓްރޭލިއާގެ ކުއީންލޭންޑް ޔުނިވާސިޓީން ވަނީ ދިރާސާއެއްކޮށްފައެވެ. މި ތަފާސްހިސާބަކީ 89 ގައުމެއްގެ، އުމުރުން 11 އަހަރާއި 17 އަހަރާއި ދެމެދުގެ 304779 ކުދިންގެ މައުލޫމާތެވެ.

ތަފާސްހިސާބުތަކަށް ބިނާކޮށް ކުއީންލޭންޑް ޔުނިވާސިޓީން ބުނީ 304779 ކުދިންގެ ތެރެއިން 35 އިންސައްތަ ކުދިންނަށް ތިނެއް ނުވަތަ އެއަށްވުރެ ގިނަ ބަލި ޖެހުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

ކުއިންލޭންޑް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އަސައްދް ކާން ވިދާޅުވީ ހަށިގަނޑަށް ބޭނުންވާ ވަރަށް މޭވާ އާއި ތަރުކާރީ ބޭނުން ނުކުރުމުގެ ސަބަބުންނާއި ހަރަކާތްތެރިވެ ނޫޅުމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ޑައިޕް 2 ޑައެބިޓީޒް އާއި ކެންސަރު ފަދަ ބަލިތައް ޖެހޭ ކަމަށެވެ. އަދި އެވަރެޖްކޮށް ކޮންމެ 10 މީހަކުން 7 މީހަކު މަރުވަނީ މިފަދަ ބައްޔެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރޮފެސަރު އަސައްދް ކާން ވިދާޅުވި ގޮތުގައި ވެސްޓަން ޕެސެފިކް ސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު އެމެރިކާގެ ފުރާވަރު އުމުރުފުރާގެ ކުދިންގެ މެދުގައި މި ފަދަ ބަލިތަކުގެ ނުރައްކާ މާބޮޑެވެ.