ޔުސާކުއާއެކު ހަނދަށްދާނެ ބަޔަކު ހޯދަނީ
ޖަޕާނުގެ ބިލިއަނަރު ޔުސާކު މައެޒާވާއާއެކު ހަނދަށްދާނެ ބަޔަކު ހޯދުމުގެ މަސައްކަތް އޭނާ ފަށައިފިއެވެ.
ޔުސާކު ބޭނުންވަނީ ހަނދަށް ދިއުމުގައި، އޭނާއާއެކު އާންމުންގެ ތެރެއިން އަށް މީހުން ބައިވެރިވުމަށެވެ. ޔުސާކު ހަނދަށް ދިއުމަށް ނިންމާފައިވަނީ އީލޮން މަސްކްގެ ސްޕޭސްއެކްސްގައެވެ.
އެކުގައި ހަނދަށްދާނެ ބަޔަކު ހޯދަމުންދާކަން ޔުސާކު ހާމަކުރީ ޓްވިޓާގައި އާންމުކުރި ވީޑިއޯކޮޅެއްގައެވެ. ޔުސާކުގެ މި މިޝަނަށް ދީފައިވާ ނަމަކީ "ޑިއާމޫން" އެވެ. ހަނދަށް ދިއުމަށް ތާވަލުކޮށްފައިވަނީ 2023 ވަނަ އަހަރު ކަމަށް ޔުސާކޫ ވަނީ ބުނެފައެވެ.
ޔުސާކު މީގެ ކުރިންވެސް ވަނީ އޭނާއާއެކު ހަނދަށްދާނެ އަންހެނަކު ހޯދަން އިއުލާނުކޮށްފައެވެ. އެ އިއުލާނާއެކު 27000 އަށްވުރެ ގިނަ އަންހެނުން އެކަމަށް ކުރިމަތިލިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޔުސާކު ވަނީ އެކުގައި ހަނދަށް ދާނެ އަންހެނަކު ހޯދަން ކުރި މަސައްކަތް ހުއްޓާލާފައިވާކަން އިއުލާނުކޮށްފައެވެ.