ކަނޑުއަޑިން ނެޓްވޯކް ކޭބަލް އެޅުމުގެ މަޝްރޫއެއް ގޫގުލް އިން ފަށަނީ
ކަނޑުއަޑިން ނެޓްވޯކް ކޭބަލް އެޅުމުގެ މަޝްރޫއެއް ގޫގުލް އިން އިއުލާނުކޮށްފިއެވެ.
ގޫގުލް އިން ހާމަ ކުރި ގޮތުގައި، މި ކޭބަލްއަކީ އެމެރިކާ އިން ޔޫކޭ އަދި ސްޕެއިނަށް އަޅާ ކޭބަލްއެކެވެ. ގޫގުލް އިން އުންމީދު ކުރަނީ 2022 ވަނަ އަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިންމާލުމަށެވެ.
މި ކޭބަލަށް ދީފައިވާ ނަމަކީ "ގްރޭސް ހޮޕާ" އެވެ. ގްރޭސް ހޮޕާއަކީ އެމެރިކާގެ ކޮމްޕިއުޓާ ސައިންޓިސްޓެކެވެ. އޭނާ މަރުވީ 1992 ވަނަ އަހަރުއެވެ. މި ކޭބަލް އެޅިގެންދިއުމާއެކު ގޫގުލްގެ ކަނޑުއަޑީގެ ކޭބަލްތަކުގެ އަދަދު ހަތަރަކަށް އަރާނެއެވެ.
އެމެރިކާ އާއި ޔޫކޭއާ ދެމެދު 2003 ވަނަ އަހަރުވެސް ކަނޑުއަޑިން ކޭބަލެއް އަޅާފައިވެއެވެ. ގޫގުލް އިން ބުނި ގޮތުގައި އާ ކޭބަލްގައި އާ ޓެކްނޮލޮޖީ ހިމެނޭނެއެވެ.
މުވާސަލާތީ ދާއިރާއިން ބައްރުތައް ގުޅާލުމަށް މިހާރުވެސް ގާތްގަނޑަކަށް 750،000 މޭލުގެ ކޭބަލް، ކަނޑުއަޑީގައި އަޅާފައިވެއެވެ. މިފަދަ ކޭބަލްތައް ފަރުމާކޮށްފައި ހުންނަނީ ކަނޑުގެ ގަދަ އޮއިވަރުތަކުންވެސް އެ ކޭބަލްތަކަށް ލިބިދާނެ ގެއްލުން ކުޑަވާނެ ގޮތަކަށެވެ. މިފަދަ ކޭބަލްތަކުގެ އުމުރަކީ ގާތްގަނޑަކަށް 25 އަހަރެއެވެ.