ކަނޑުއަޑިން ދެ ކޭބަލް އަޅަން ފޭސްބުކް އިން ނިންމައިފި
ކަނޑުއަޑިން އައު ދެ ކޭބަލް އެޅުމަށް ނިންމާފައިވާކަން ފޭސްބުކް އިން ހާމަކޮށްފިއެވެ.
ސިންގަޕޫރު، އިންޑޮނީޝިއާ އަދި އުތުރު އެމެރިކާއަށް އަޅާ މި ކޭބަލްތަކުގެ މަޝްރޫއުތަކަކީ ގޫގުލް އާއި ސަރަހައްދުގެ މުވާސަލާތީ ކުންފުނިތަކާއި ގުޅިގެން ހިންގާ މަޝްރޫއުތަކެއް ކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ. މި މަޝްރޫއުތަކުގެ ބޭނުމަކީ ސަރަހައްދުގެ އިންޓަނެޓްގެ ފެންވަރު ރަނގަޅު ކުރުމެވެ.
މި މަޝްރޫއުތަކުގެ ދަށުން އަޅާ އެއް ކޭބަލްއަށް ދީފައިވާ ނަމަކީ "އެކޯ" އެވެ. ދެވަނަ ކޭބަލްއަށް ދީފައިވާ ނަމަކީ "ބިފްރޮސްޓް" ކަމަށް ފޭސްބުކްގެ ވައިސް ޕްރެޒިޑެންޓް އޮފް ނެޓްވޯކް އިންވެސްޓްމެންޓްސް ކެވިން ސަލްވަޑޯރީ ރޮއިޓާސްއަށް ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ އަގު ހާމަކުރަން ކެވިން ވަނީ ދެކޮޅު ހަދާފައެވެ.
"އެކޯ" އަކީ ގޫގުލް އާއި އިންޑޮނީޝިއާގެ ޓެލެކޮމް ކުންފުންޏަކާއި ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު 2023 ވަނަ އަހަރަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. "ބިފްރޮސްޓް" މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރަށެވެ.