ޕީއެސް5 ގެ ކޮންޓްރޯލާ

ޕީއެސް5 ގެ ކޮންޓްރޯލާ ދައްކާލައިފި

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ޕްލޭސްޓޭޝަން 5 ގެ ކޮންޓްރޯލާ ދައްކާލައިފިއެވެ.

ޕީއެސް5 ގެ މި ކޮންޓްރޯލާއަށް ދީފައިވާ ނަމަކީ ޑުއަލްސެންސްއެވެ. އާ ޑިޒައިނަކަށް ހުންނަ މި ކޮންޓްރޯލާއަކީވެސް ވަޔަލެސް ކޮންޓްރޯލާއެކެވެ. ޕްލޭސްޓޭޝަނުން ބުނީ ޑުއަލްޝޮކް 4 ގައި ހިމެނޭ ބެސްޓް ފީޗާސްތައް ޑުއަލްސެންސްގައިވެސް ހިމެނޭނެ ކަމަށާއި އޭގެ އިތުރުން އާ ފަންޝަންސްވެސް ހިމެނޭނެ ކަމަށެވެ.

ޕްލޭސްޓޭޝަން އުފައްދާ ކުންފުނި ސޮނީ ކޯޕަރޭޝަނުން ބުނި ގޮތުގައި ޑުއަލްސެންސް ފަރުމާކޮށްފައިވާ ގޮތުން، އެ ކޮންޓްރޯލާ ބޭނުންކޮށްގެން ގޭމްކުޅޭއިރު ފަސޭހަތަކެއްވާނެއެވެ. މިހާރު ބޭނުންކުރާ ކޮންޓްރޯލާތަކަށްވުރެ ޑުއަލްސެންސްގެ ބަރުދަންވެސް ލުއިވާނެ ކަމަށާއި ބެޓްރީގެ ބާރުގަދަކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް ސޮނީން ވަނީ ބުނެފައެވެ. މި ކޮންޓްރޯލާގައި ބިލްޓް-އިން މައިކްރޯފޯނެއް ހިމެނޭނެއެވެ.

ޕީއެސް5 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ބަންދުގެ ތެރޭގައެވެ. ޕީއެސް5 ގެ އަގު އަދި ހާމައެއް ނުކުރެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަގު އުޅޭނީ ގާތްގަނޑަކަށް 450 ޑޮލަރަށެވެ.