90 ކިލޯ އިން 73 ކިލޯއަށް ބަރުދަން ލުއިކޮށްލި ވިޝާލް

ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ބަރުދަން ލުއިކުރެވޭނެކަން، އިންޑިއާގެ ޕޫނޭގެ އުމުރުން 35 އަހަރުގެ ވިޝާލް ބަސުތުކަރް މި ވަނީ ސާބިތުކޮށްދީފައެވެ.

ބަރުދަން އެންމެ މައްޗަށް ދިޔައިރު، ވިޝާލްގެ ބަރުދަނުގައި 90 ކިލޯ ހުއްޓެވެ. ކެއިންބުއިމަށް ގެނައި ހެޔޮ ބަދަލާއި ކަސްރަތުކޮށްގެން، ހަތަރު މަސް ދުވަހުގެ ތެރޭގައި ވިޝާލް ވަނީ ބަރުދަން 90 ކިލޯ އިން 73 ކިލޯއަށް ލުއިކޮށްލާފައެވެ.

ވިޝާލް ވަނީ އޭނާ ބަރުދަން ލުއިކުރުމަށް ކުރި މަސައްކަތް ޓައިމްސް އޮފް އިންޑިއާއަށް ހިއްސާކޮށްފައެވެ.

ދުވަހުގެ ފެށުން: ހޫނު ފެން ތައްޓަކާއި 8 އަލްމަންޑް.

ހެނދުނުގެ ނާސްތާ: ފެނު ކެއްކި 4 ބިސް.

މެންދުރުގެ ނާސްތާ: 2 ޗަޕާތީ، ފެހި ތަރުކާރީ ކޮޅެއް، ބޯތައްޓެއްގެ ކާރޑް އަދި ބޯތައްޓެއްގެ ދާލް.

ހަވީރު: ގްރީން ޓީ

ރޭގަނޑުގެ ނާސްތާ: ސެލެޑް ނުވަތަ ގްރިލްޑް ޕަނީރް އާއި ކޯލީފްލާވާ.

ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، ޕިއްޒާ، ބާގާ ފަދަ ޖަންކް ފުޑް އެއްވެސް ވަރަކަށް ނުކާ ކަމަށާއި ހަކުރު އެކުލެވޭ އެއްޗެއް ނުކާކަމަށް އޭނާ ބުންޏެވެ.

ކަސްރަތު ކުރަން ފަށަނީ ދޮންކެޔޮ ވަކެއް ކައިގެން ކަމަށާއި ފުރަތަމަ ދެ މަސް ދުވަހު، ހަފުތާއަކު ހަ ދުވަހު ކުރިއަށް ގެންދިޔައީ ކާޑިއޯ އާއި ހައި-އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގް (އެޗްއައިއައިޓީ) ކަމަށް ވިޝާލް ބުންޏެވެ.

އެ ކަސްރަތުތަކުގެ ސަބަބުން ބުންވަރު ވަރުގަދަވި ކަމަށާއި ފުރަތަމަ ދެ މަސް ދުވަހަށްފަހު ދެން ކުރިއަށް ގެންދިޔައީ ވެއިޓް ޓްރެއިނިން ކަމަށް ވިޝާލް ބުންޏެވެ. އަދި ކަސްރަތަށްފަހު ޕްރޮޓީން ޝޭކް ބޭނުންކުރާ ކަމަށްވެސް އޭނާ ބުންޏެވެ.