ސިއްހަތަށް ފައިދާ ހުރި ކާނާ ކުޑަކުދިންނަށް ދިނުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
ދަރިން ބެލެހެއްޓުމުގައި ބެލެނިވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ އެ ކުދިންނަށް ކާން ދިނުމެވެ. ގިނަ ކުދިންނަކީ، ޕާސްތާ، ޗިކަން ނަގެޓް ފަދަ ކާނާ އާއި ރައްޓެހި ކުދިންނަށްވާއިރު ތަރުކާރީ ފަދަ ސިއްހަތަށް ފައިދާހުރި ކާނާ އެ ކުދިންނަށް ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
މިއީ މިފަދަ ކުދިންނަށް، ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ދިނުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ކާއެއްޗެއްސަށް ޝައުގުވެރިކުރުވުން
އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓް އަދި ކޮންސަލްޓެންޓް ލޮރީ ޑޭ ދެކޭ ގޮތުގައި ކާ އެއްޗެއްސާ ދޭތެރޭ ކުދިންގެ ޝައުގުވެރިކަން ހުންނަނަމަ އެ ފަދަ ތަކެތި ކާން އެ ކުދިން މަސައްކަތް ކުރާނެއެވެ.
އެހެންކަމުން ކެއްކުމުގެ ކުރިން، ފެހި ތޮޅި ފަދަ ތަރުކާރީ ނޮޅަން ދަރިފުޅާއި ހަވާލު ކުރެވިދާނެއެވެ. ތަރުކާރީ ގުނުމާއި ކުލަ ފާހަގަކުރުން ފަދަ ކަންކަންވެސް ކުރުވިދާނެއެވެ. މިކަހަލަ ކަންކަން ކުރަން ކުދިންނަށް ދިނުމުން އެ ކުދިން އެފަދަ ކާ އެއްޗެއްސަށް ޝައުގުވެރިވާ މިންވަރު ބޮޑެވެ.
ކުދިން ބައިވެރިކުރުން
ބައެއް ބެލެނިވެރިން ބުނާ ގޮތުގައި، ކެއުމަށް ބޭނުންވާ ތަކެތި ގަންނަން ދާއިރު އަދި ކައްކާ ވަގުތު އެކަމުގައި ކުދިން ބައިވެރިކުރުވާނަމަ އެ ކުދިން ކެއުމަށް ޝައުގުވެރިވާ މިންވަރު ބޮޑެވެ.
ޕޮޑްކާސްޓް "ކިޗަން ޗެޓް" ގެ ހޮސްޓް މާގަރެޓް ބުނެފައިވަނީ ދުވަހުގެ ކާނާ ޕްލޭން ކުރުމުގައި ކުދިން ބައިވެރިކުރާނަމަ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އެކުދިންނަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.
ކުދިން ކާން ބޭނުންވާ އެއްޗެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދިނުން
ތުއްތު ކުދިންގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އަވާ ޕާނަސް ބުނެފައިވާ ގޮތުން ކުދިން ކާން ބޭނުންވާ ތަރުކާރީ އެއް ނުވަތަ މޭވާއެއް އިހުތިޔާރުކުރުމުގެ ފުރުސަތު އެ ކުދިންނަށް ދޭންވާނެއެވެ.
ކުދިންނަށް ގަދަބާރުން ކާންދީ، މާބޮޑަށް ކޮންޓްރޯލް ކުރާނަމަ އެކުދިން ނުކާން ވަރުދައްކާނެ ކަމަށް އޭނާ ބުންޏެވެ.
ކުދިންނަށް ނަމޫނާ ދެއްކުން
ކުދިން އަބަދުވެސް ނަމޫނާއަކަށް ބަލާނީ ބެލެނިވެރިންނެވެ. ބެލެނިވެރިން ކުރާ ކަންކަން ކޮޕީވެސް ކުރާނެއެވެ. އެ ކުދިންނަށް ފެންނަ ގޮތަށް މޭވާ އާއި ތަރުކާރީ ކައި އުޅޭ ނަމަ އެ ކުދިން މިކަން ނަމޫނާއަކަށް ނަގާނެއެވެ.
ކޮށްގެން ނުވާނެ ކަންކަން
"ޔަމީ ސްޕޫންފުލްސް އޯގެނިކް ބޭބީ ފުޑް" ގެ ފައުންޑަރެއް ކަމުގައިވާ އަގަތާ އަޗިންދޫ ބުނަނީ ކުޑަކުދިންނަށް މާ ގިނައިން ހަކުރު އެކުލެވޭ އެއްޗެހި ނުދިނުމަށެވެ. މިހާރު ހުންނަ ގިނަ ތައްޔާރީ ކާނާގައި ހަކުރު އެކުލެވިގެންވެއެވެ. މިފަދަ ހަކުރު އެކުލެވިގެންވާ ކާނާ ކުދިންނަށް ދިނުން އެހާ ރަނގަޅެއް ނޫނެވެ.
ކުދިންގެ ކެއުމަކީ މުޅިން އެއްކޮށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫނެވެ. އަގަތާ އަޗިންދޫ ނަސޭހަތްތެރިވަނީ އެއްވެސް ވަރަކަށް ޖަންކް ފުޑް ގެއަށް ނުވެއްދުމަށެވެ. އެއީ އެކުދިންނަށް މިފަދަ ކާނާ ކެއުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ.
އޭނާ ބުނާ ގޮތުން، ކުދިންނަށް ބިރު ދައްކާ ނުވަތަ ހައްދައިގެން ކާން ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. ތިމާއަށް މީރުވާ އެއްޗެހި އެ ކުދިންނަށް މީރުވާނެ ކަމަށް ހީކޮށްގެން ނުވާނެއެވެ.