އައިފޯނުގެ ޑިޒައިނަށް ބަދަލެއް ގެންނަނީތަ؟

އެޕަލް އިން މަސައްކަތް ކުރަމުން ދަނީ ދެން ނެރޭ އައިފޯނުގެ ޑިޒައިނަށް ބަދަލެއް ގެނައުމަށް ކަމަށް އަޑުތައް ފެތުރިއްޖެއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެޕަލް އިން އާ ހަތަރު ފޯނެއް ނެރޭނެއެވެ. އެޕަލް އިން ފަހުން ނެރުނު ފޯނުތައް ހުންނަނީ ކާވްޑް-އެޖް ޑިޒައިނަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން މިހާރު މަސައްކަތް ކުރަނީ އާ އައިފޯނުތައް ފްލެޓް ސްޓެއިންލެސް ސްޓްރީލް އެޖްސް ޑިޒައިނަށް ހެދުމަށެވެ.

އާ އައިފޯނުގެ ޕްރޯ މޮޑެލްތަކުގައި، ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުންނާނެ ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ގެެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި ލޯ-އެންޑް މޮޑެލްތަކުގައި ފޯނުގެ ފަހަތުގައި ދެ ކެމެރާ ހުންނާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން މިހާރު އަންނަނީ ހޯމްޕޮޑް ސްޕީކާގެ ކުދި އަދި އަގުހެޔޮ މޮޑެލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެެވެ. އެ މޮޑެލްގެ ހޯމްޕޮޑް މިއަހަރުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށް ބެލެވޭއިރު، އެޕަލް ޓެގްވެސް މިއަހަރު ބާޒާރަށް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.