އޮފީސް ސްޓްރެސް ކުޑަކުރަން ކުރަންވީ ކަންތައްތައް
ސްޓްރެސްވުމަކީ މަސައްކަތުގެ މާހައުލުގައި އާންމުކޮށް ދިމާވާ ކަމެކެވެ. އެއީ ކުރަން ހުރި މަސައްކަތްތައް ގިނަވެގެން ނުވަތަ އޮފީހުގެ ވެރިޔާގެ ޕްރެޝަރުގެ ސަބަބުން ނޫނީ އެހެން ސަބަބަކާހުރެ ކަމަށްވެސް ވެދާނެއެވެ.
މާބޮޑަށް ސްޓްރެސް މާހައުލެއްގައި އުޅުމަކީ ސިއްހަތަށް ނޭދެވޭ އަސަރުކުރުވާނެ ކަމެކެވެ. އެންމެ ފުރިހަމައަށް މަސައްކަތްވެސް ނުކުރެވޭނެއެވެ.
މިއީ ސްޓްރެސް މެނޭޖްކޮށް ކުޑަކޮށްލުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ވަގުތު މެނޭޖްކުރުން
މަސައްކަތުގެ މާހައުލުގައި އުޅޭއިރު ސްޓްރެސްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ނުނިމި ހުރި މަސައްކަތްތައް ގިނަވުމާއި ކުރަން ހުރި މަސައްކަތްތައް ގިނަވުމެވެ. އޭރުން އޮފީހުގެ ވެރިންގެ ފަރާތުން ޕްރެޝަރުވެސް އަންނާނެއެވެ.
އޮފީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ އަވަހަށް ނިންމަންޖެހޭ މަސައްކަތްތަކަށް ފުރަތަމަ އިސްކަން ދޭށެވެ. ސީދާ އެ މަސައްކަތަށް ސަމާލުކަންދީ ނިންމޭތޯ މަސައްކަތްކުރާށެވެ.
ނޭނގޭ ނަމަ ސުވާލުކުރަންވާނެ
އޮފީހުގެ މަސައްކަތަކާއި ގުޅިގެން ނޭނގޭ ކަމެއް އޮތްނަމަ، އޮފީހުގައި ދެން ތިބި މުވައްޒަފުން ނުވަތަ ވެރިން ގާތުން އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް މައުލޫމާތު ހޯދާށެވެ. ހާއްސަކޮށް އޮފީހަށް އަލަށް ވަންނަ މުވައްޒަފުންނެވެ.
މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް ނޭނގި، އެކަމާއި ގުޅޭ ގޮތުން ސުވާލުކޮށް މައުލޫމާތު ހޯދަން ނުކެރި ހުންނަނަމަ ސްޓްރެސްވާ މިންވަރު އިތުރުވާނެއެވެ.
ބްރޭކެއް ނެގުން މުހިންމު
ކޮންމެ ދުވަހަކުވެސް މަސައްކަތު ގަޑީގައި ލިބޭ ބްރޭކްގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. މަގުމައްޗަށް ނިކުމެލާ ކުޑަކޮށް ހިނގާލާށެވެ. އޮފީހުގެ އެކުވެރިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ސްޓްރެސްގެ މައްސަލައަށް ލުއި ލިބޭނެއެވެ.
އޭގެ އިތުރުން އަހަރީ ޗުއްޓީގެ ބޭނުން ހިފާށެވެ. މަސައްކަތު މާހައުލާއި މުޅިން ދުރަށް ޖެހި، ހިތާއި ސިކުނޑިއަށް ތާޒާކަން ލިބޭ މާހައުލަކަށް ގޮސްލާށެވެ. މިއީ އާއިލާއާއެކު ހޭދަކޮށްލާ ވަގުތަކަށް ހެދިދާނެއެވެ.
ވަޒީފާގެ ގޮތުން ސިކުނޑީގައި ހުރި އުދާސްތައް ބޭރުކޮށްލާ ސިކުނޑި ތާޒާކޮށްލާށެވެ.
ވެރިންނަށް އަބަދުވެސް އަޕްޑޭޓް ދޭތި
ހަވާލުކުރެވިފައިވާ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު އަބަދުވެސް އޮފީހުގެ ވެރިންނަށް ހިއްސާކުރާށެވެ. މަސައްކަތް މިހާރު ހުއްޓިފައި އޮތީ އޮފީހުގެ އެހެން ޑިޕާޓްމަންޓަކުން ނުވަތަ އެހެން ފަރާތަކުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތް ނަމަ އެކަމުގެ މައުލޫމާތު ވެރިންނަށް ދޭށެވެ.