އެމެޒޮން އިން ތާމަލް ކެމެރާ ބޭނުންކުރަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެޒޮންގެ ވެއާހައުސްތަކުގައި ތާމަލް ކެމެރާ ހަރުކޮށްފިއެވެ.

ވެއާހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފަކު ހުން އައިސްފައިވާ ނަމަ، އެކަން މި ތާމަލް ކެމެރާތަކުގެ އެހީގައި ދެނެގަނެވޭނެއެވެ. މިއީ ކޮވިޑް-19 އިން އަލާމާތެއް ކަމުގައިވާ ހުން އައުން ހުރިތޯ ބެލުމަށް އެމެޒޮން އިން އެޅި ފިޔަވަޅެކެވެ.

އެމެޒޮން އިން މިހާރު ބޭނުންކުރަން ފެށި މި ޓެކްނޮލޮޖީއަކީ، އެ ކުންފުނިން މީގެ ކުރިން ބޭނުންކުރި ކްލޯޒް-ރޭންޖް ތާމޯމީޓާސްއަށްވުރެ ކޮލިޓީ އަދި އަވަހަށް ނަތީޖާ ދެނެގަނެވޭ ޓެކްނޮލޮޖީއެކެވެ. އެމެޒޮން އިން ބުނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށްދާ ތަންތަނުގައި، މުވައްޒަފުންގެ ކިބައިން ހުމުގެ އަސަރު ހުރިތޯ ބެލުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާނެ ކަމަށެވެ.

އެމެރިކާގައި ހުރި އެމެޒޮންގެ ވެއާހައުސްތަކުން 50 އަށްވުރެ ގިނަ މުވައްޒަފުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މުވައްޒަފުން ބުނަމުން ދަނީ ވެއާހައުސް ތެރޭގައި އިޖްތިމާއީ ގައިދުރުކަން ނުބޭއްވޭ ކަމަށެވެ.