އެމެރިކާގެ އެޕަލް ފިހާރަތައް ބަންދުކޮށްފި

އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި އެޕަލްގެ ރީޓެއިލް ފިހާރަތައް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެޕަލްގެ ފިހާރަތައް ބަންދުކޮށްފައި މިވަނީ، އެމެރިކާގެ ފުލުހުން ޖޯޖް ފްލޮައިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާއި ގުޅިގެން އެމެރިކާގެ އެކި ސިޓީތަކުގައި އާންމުން އަޑުއުފުލާ ހަމަނުޖެހުންތައް ހިންގަމުންދާތީއެވެ. ޖޯޖްގެ މަރާއި ގުޅިގެން އާންމުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފިހާރަތަކަށްވެސް ދަނީ ގެއްލުން ދެމުންނެވެ.

ފިހާރަތައް ބަންދުކުރުމާއި ގުޅޭ ގޮތުން އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ ފިހާރަތައް ބަންދުކުރީ މުވައްޒަފުންގެ ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެޕަލްގެ ފިހާރަތައް އަލުން ބަންދުކޮށްފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އެޕަލްގެ ފިހާރަތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ފިހާރަތައް ހުޅުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ޖޯޖް ފްލޮއިޑް މަރުވެފައިވަނީ މިނިއާޕޮލިސްގައި ފުލުހުން ޖޯޖް ހައްޔަރުކުރަން އުޅުމުގެ ތެރޭގައެވެ. ޖޯޖްގެ ކަރަށް ފުލުހަކު ކަކުލުން އަރައިގެން ހުރިއިރު، ނޭވާ ނުލެވޭ ކަމަށް ޖޯޖް ބުނަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.