ރޫމާސް: އެޕަލް އިން މިއަހަރު 4 ފޯނު
ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން، އެ ކުންފުނީގެ އާ ސްމާޓްފޯންތައް އާންމުންނަށް ދައްކާލާ ދުވަސް ކައިރިވަމުންދާ ވަރަކަށް އެ ފޯނުތަކާއި ގުޅޭ ގޮތުން ރޫމާސްތައް ފެތުރެއެވެ. އެޕަލް އިން މިއަހަރު ނެރޭ ފޯނަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، އާ އައިފޯނާއި ގުޅޭ ރޫމާސްތަކުގެ އަޑު މި ވަނީ ގަދަވެފައެވެ.
ރޫމާސްތައް ބުނާ ގޮތުން އެޕަލް އިން މިއަހަރު ހަތަރު ފޯނެއް ބާޒާރަށް ނެރޭނެއެވެ. އެގޮތުން އެއް މޮޑެލްގެ ސްކްރީން ސައިޒަކީ 5.4 އިންޗި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިއީ އައިފޯން 11 ޕްރޯގެ ޑިސްޕްލޭއަށްވުރެ ކުޑަ ޑިސްޕްލޭއެކެވެ. އައިފޯން 11 ޕްރޯގެ ޑިސްޕްލޭ އަކީ 5.8 އިންޗީގެ ޑިސްޕްލޭއެކެވެ.
އެޕަލް އިން މިއަހަރު 6.1 އިންޗީގެ ލޯ-އެންޑް މޮޑެލްއެއް ބާޒާރަށް ނެރޭނެ ކަމަށް ރޫމާސްތައް ބުނެއެވެ. މިއީ އައިފޯން 11 ގެ ސްކްރީނާއި އެއްވަރުގެ ސްކްރީނެކެވެ. އޭގެ އިތުރުން 6.1 އިންޗީގެ ހައި-އެންޑް ފޯނަކާއި 6.7 އިންޗީގެ ފޯނެއް ނެރޭނެ ކަމަށް ރޫމާސްތައް ބުނެއެވެ.
އައިފޯނު 6 އާއި އޭގެ ފަހުން ނެރުނު އައިފޯނުތަކަކީ ރެކްޓޭންގަލް ރައުންޑެޑް ސައިޑްސް ފޯނުތަކެކެވެ. ނަމަވެސް ރޫމާސްތައް ބުނާ ގޮތުން އައިފޯން 4 އަދި އައިފޯން 5 ގައިވާ ފަދަ ފްލެޓް އެޖްސް ޑިޒައިން ފޯނުތަކެއް މިއަހަރު އެޕަލްއިން ނެރުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަހަރު ނެރޭ އައިފޯނަށް 5ޖީ ސަޕޯޓްކުރާނެ ކަމަށް ބައެއް ރޫމާސްތައް ބުނާއިރު، ފޯނުގައި ހުންނާނީ އޯލެޑް ސްކްރީން ކަމަށް ވަނީ އަޑު ފެތުރިފައެވެ.
އެޕަލް އިން މިއަހަރު ނެރޭ ފޯނާއި ގުޅޭ ގޮތުން ދެކެވޭ އިތުރު ރޫމާސްތައް:
ލޯވާ-އެންޑް މޮޑެލް ފޯނުތަކުގެ ފަހަތުގައި ދެ ކެމެރާ.
ސްޓޯރޭޖް ފެށޭނީ 64 ޖީބީ އިން.
ރެމް 4 ޖީބީ.
ހައި-އެންޑް މޮޑެލް ފޯނުތަކުގެ ފަހަތުގައި ތިން ކެމެރާ.
ސްޓޯރޭޖް ފެށޭނީ 128 ޖީބީ އިން.
ރެމް 6 ޖީބީ.
އެޕަލް އިން މިއަހަރު ނެރޭ އައިފޯނާއި ގުޅޭ ގޮތުން ދެން އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ އިން-ބޮކްސް ޗާޖަރާއި އިއާބަޑްސް މިފަހަރު ނުހިމޭނެ ކަމަށް ބުނާ ވާހަކައެވެ.