ދަރިން ދުޅަހެޔޮކޮށް ބޮޑުކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

ދަރިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ދުޅަހެޔޮކަމާއެކު ބޮޑުކުރުމަށް ބެލެނިވެރިން ބޭނުންވާނެއެވެ. ނަމަވެސް ހަގީގަތަކީ މިއީއެވެ. ދަރިންގެ ދުޅަހެޔޮކަމާމެދު ގިނަ ބެލެނިވެރިންނަށް ވަނީ ފަރުވާ ކުޑަކުރެވިފައެވެ.

ކުދިންދެކެވާ ލޯބީގެ ސަބަބުން، އެ ކުދިން އެދޭ ފާސްޓް ފުޑްސް ފަދަ ތަކެތި ހޯދައިދެވެއެވެ. ޓީވީ ބެލުމާއި ކޮމްޕިއުޓާ ގޭމް ކުޅުމާއި ސްމާޓް ފޯނާއި ކުޅުމަށް އެ  ކުދިންނަށް މާ ގިނަ ވަގުތު ދެވެއެވެ.

މިއީ ތިމާ އާއި ތިމާގެ ދަރިން ދުޅަހެޔޮކަންމަތީ ހުރުމަށް އެހީވެދޭނެ ފަސް ކަމެކެވެ.

ބައިވެރިކުރުވުން

ބާޒާރު ކުރަންދާއިރު ދަރިން ގޮވައިގެންދާށެވެ. މައިންބަފައިންވެސް ގަންނަނީ ތާޒާ މޭވާ އާއި ތަރުކާރީކަން ދަރިންނަށް އަންގައިދޭށެވެ. ބާޒާރުން ގަތް މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން، ގޭގައި ކާބޯތަކެތި ތައްޔާރުކުރާއިރު ދަރިން ބައިވެރިކުރުވާށެވެ.

އޭރުން އެފަދަ ކާބޯތަކެއްޗަށް ދަރިން ލޯބިކުރާ މިންވަރު އިތުރުވާނެއެވެ. ފާސްޓް ފުޑް ފަދަ ސިއްހަތަށް ގެއްލުންހުރި ތަކެއްޗާއި ދަރިން ދުރުވާނެއެވެ.

އާއިލާ އެކުގައި ކެއުމަށް އިންސާފު ކުރުން

އާއިލާގެ މެންބަރުންގެ ވަގުތުތައް ހުންނަ ގޮތުން، އާއިލާގެ މެންބަރުން އެކުގައި ކެއުމަށް އިންސާފުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ވަގުތެއް އެއީ އާއިލާގެ ހުރިހާ މެންބަރުން ބައިވެރިވެގެން ކެއުމަށް އިންސާފުކުރާ ވަގުތަކަށް ހެދުމަށް މަސައްކަތް ކުރާށެވެ.

ސުފުރާމަތީގައި ހުންނަންވާނީ ސިއްހަތަށް ފައިދާ ހުރި ކާނާއެވެ. މިއީ ޓީވީ އަދި ސްމާޓް ޑިވައިސްތަކާއި ދުރު، އާއިލީ ވަގުތުކޮޅަކަށް ހަދާށެވެ.

ގިނައިން ފެން ބުއިމަށް ބާރު އެޅުން

އިންސާނާގެ ހަށިގަނޑުގެ ބޮޑު އިންސައްތައަކީ ފެނެވެ. ގިނައިން ފެން ބުއިމަށް ދަރިންނަށް ބާރު އަޅާށެވެ. ހަކުރު އެކުލެވޭ ބުއިންތައް އެހާ ގިނައިން ދަރިންނަށް ނުދޭށެވެ. މިކަމުގައި ބެލެނިވެރިން ދަރިންނަށް ނަމޫނާ ދައްކަންވާނެއެވެ.

ކަސްރަތު ކުރުން

ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ގަޑިއިރު އެއީ ދަރިން ހެލިފެލިވެ އުޅޭ ވަގުތަކަށް ހަދާށެވެ. މިއީ ބުރަ ކަސްރަތުގެ ވާހަކައެއް ނޫނެއެވެ. ހެލިފެލިވެ އުޅެވޭ ކަހަލަ ކުދި ކުޅިވަރު ސިޓިން ރޫމްގައިވެސް ކުޅެވިދާނެއެވެ.

ހިނގާލަން ދިއުމާއި ޕާކަށް ގޮސް، ދުވެލަން ދަރިންނަށް ފުރުސަތު ތަނަވަސްކޮށް ދިނުމަކީވެސް އެ ކުދިންގެ ދުޅަހެޔޮ ކަމަށް ކުރެވޭނެ މުހިންމު ކަމެކެވެ.