ދަރިފުޅު ފާހާނާ ތައްޓަށް ތައްޔާރުތަ؟

ފާހާނާ ތައްޓަށް ކުޑަކުދިން ތަމްރީނު ކުރުމުގައި ވަކި ގޮތެއް ނޯވެއެވެ. އެހެން ބެލެނިވެރިންނަށް އަދި އެމީހުންގެ ކުދިންނަށް ފަސޭހަ ގޮތް ތިމާއަށް ނުވަތަ ތިމާގެ ދަރިފުޅަށް ފަސޭހަ ނުވެދާނެއެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް ކަމެވެ. ފުރަތަމަ ދަރިފުޅު، ފާހާނާ ތައްޓަށް ތަމްރީން ކުރުމުގައި ބޭނުންކުރި އުކުޅަކީ ދެވަނަ ދަރިފުޅަށް އުނދަގޫ އުކުޅަކަށް ވެދާނެއެވެ. އެހެންކަމުން ކެތްތެރިކަމާއެކު ކުރިއަށްދާންޖެހެއެވެ.

ދަރިފުޅު ފާހާނާ ތައްޓަށް ތަމްރީންވާން ތައްޔާރުކަން އެނގޭނީ ކިހިނެތް؟

މީހެއްގެ އެހީއާ ނުލާ ދަރިފުޅު ހިނގުން.

ލައިގެން ހުންނަ ނެޕީ ހަޑިވުމުން، ހިތްހަމަ ނުޖެހޭކަން ދަރިފުޅުގެ އަތުގެ އިޝާރާތަކުން ނަމަވެސް އަންގައިދިނުން.

ދަރިފުޅަށް އެކަނި ހެދުން ބަލާފައި ލާން އެނގުން.

ކުޑަކަމުދާން ނުވަތަ ބޮޑުކަމުދާން ޖެހޭނަމަ އެކަން ބުނެދޭން ދަރިފުޅަށް އެނގުން.

ދަރިފުޅު ކޮންމެ ދުވަހަކުވެސް ގަވާއިދުން އެއް ގަޑިއަކަށް ބޮޑުކަމު ދިޔުން.

ކުރިން ނެޕީ ބަދަލުކުރަން ޖެހޭ ވަރަށް، ނެޕީ ބަދަލުކުރަން ނުޖެހުން.

ދަރިފުޅު އެހެން ކުދިންނާ އަޅާނުކިޔާށެވެ. އެކި ކުދިންގެ ހެދިބޮޑުވުމުގެ މިންވަރު ތަފާތުވާނެއެވެ. ބައެއް ކުދިން އަވަހަށް ކުރާ ކަންކަން އަނެއްބައި ކުދިންގެ ލަސްވެދާނެއެވެ. ކުރިންވެސް ފާހަގަކޮށްލި ފަދައިން ފާހާނާޔަށް ކުދިން ތަމްރީން ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ކެތްތެރިކަމެވެ.