މިއީ ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ދިރިއުޅުމުގެ ކަންކަން ބެހެއްޓޭ ގޮތަކުންވެސް، ލޭ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަކަން ފާހަގަ ކުރެވުމާއެކު ގިނަ މީހުން އެންމެ ކަންބޮޑުވަނީ، ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުން ކުރަން ޖެހިދާނެތީއެވެ.

ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކުރަން ޖެހޭ ހާލަތަށް ގޮސްފިނަމަ ޖެހޭނީ ބޭސް ބޭނުންކުރާށެވެ. ނަމަވެސް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްގެން މިއީ ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ.

ބަރުދަން ލުއިކޮށްލުން

ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ މަތިވުމަކީ، ލޭ މައްޗަށް ދިއުމަށް މެދުވެރިވާ އެއް ސަބަބެވެ. އެހެންކަމުން ބަރުދަން ހުންނަން ޖެހޭ މިންވަރަށް ތިރިކުރުމަށް މަސައްކަތް ކުރާށެވެ. ބަރުދަން ލުއިކޮށްލުމަކީ، ލޭ މައްޗަށް ދިއުމުގެ މައްސަލަ ކުޑަކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ.

ކަސްރަތު ކުރުން

މަދުވެގެން ހަފުތާއަކު ހަ ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓް ކަސްރަތުކޮށްލާށެވެ. އެއީ ހިނގުން، ޖޮގްކުރުން، ބައިސްކަލު ދުއްވުން ނުވަތަ މޫދަށް ދިއުން ކަމަށްވެސް ހެދިދާނެއެވެ. ފުރަތަމަ ދެތިން ހަފުތާ ތެރޭގައި، ލޭގެ ޕްރެޝަރަށް އަސަރުކުރާތަން ނުފެނިދާނެއެވެ. ނަމަވެސް ކަސްރަތުކުރުމުގައި އަބަދުވެސް ދެމިހުންނާށެވެ. ލޭގެ ޕްރެޝަރު ހުންނަން ޖެހޭ މިންވަރަށް ތިރި ނަމަވެސް ކަސްރަތު ކުރުން ހުއްޓާ ނުލާށެވެ.

ކެއިންބުއިން ބަދަލުކޮށްލުން

ގިނައިން ލޮނު އެކުލެވޭ ކެއުމާއި ދުރުވާށެވެ. ކަސްރަތު ކުރި ނަމަވެސް، ލޮނު ބޭނުންކުރާ މިންވަރު މަދުނުވާނަމަ ލޭގެ ޕްރެޝަރު ތިރިނުވުން އެކަށީގެންވެއެވެ. ލޮނު ގިނައިން ބޭނުން ކުރުމަކީ ސިއްހީ އިތުރު މައްސަލަތަކެއްވެސް ކުރިމަތިވެދާނެ ކަމެކެވެ. އަދި ކެއުމުގައި ގިނައިން މޭވާ އާއި ތަރުކާރީ ހިމަނާށެވެ.

ސްޓްރެސް ކުޑަކުރުން

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ސްޓްރެސް ކުޑަނުވާނެ ކަމަށް ގިނަ މީހުން ބުނެއެވެ. މަސައްކަތު މާހައުލާއި، އާއިލީ ކަންކަމާއި މާލީ ތަނަވަސްކަން ހުރި ގޮތުން ފިކުރު ކުރެވޭނެއެވެ. ނަމަވެސް މާބޮޑަށް ފިކުރުނުކުރާށެވެ. ސްޓްރެސް ކުޑަކުރުމަށް މަސައްކަތް ކުރާށެވެ.