ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ދާއިމީ އިންތިޒާމެއް މައިކްރޯސޮފްޓުން ހަމަޖައްސަނީ
މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ދާއިމީ އިންތިޒާމެއް ހަމަޖެއްސިދާނެ ކަމަށް މައިކްރޯސޮފްޓުން ބުނެފިއެވެ.
މައިކްރޯސޮފްޓުން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވަނީ، މެނޭޖަރުގެ ހުއްދައާއެކު ގޭގައި ތިބެގެން މުވައްޒަފުންނަށް ދާއިމީކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ. މައިކްރޯސޮފްޓުން މި ނިންމުން ނިންމާފައި މިވަނީ، މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ދާއިމީ އިންތިޒާމެއް ހަމަޖައްސައިދެވިދާނެ ކަމަށް ފޭސްބުކް އަދި ޓްވިޓާއިންވެސް ބުނެފައި ވަނިކޮށެވެ.
ކުންފުނިތަކުގެ ގިނަ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.
އެމެރިކާގެ އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތް، މިއަހަރުގެ އެޕްރީލް މަހު ހުރީ 46 އިންސައްތައަށްވުރެ މަތީގައެވެ.
ސްޓެންފޯޑް ޔުނިވާސިޓީގެ އިކޮނޮމިކްސް ޕްރޮފެސަރު ނިކޮލަސް ބްލޫމް ހާމަކުރި ގޮތުގައި އެމެރިކާގެ ވޯކްފޯސްގެ 42 އިންސައްތަ މީހުން، މިއަހަރުގެ މޭ މަހު މަސައްކަތްކުރީ ގޭގައި ތިބެގެންނެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން 20 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނެވެ. މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު ހުރީ 35 އިންސައްތައިގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން، ގޭގައި ތިބެގެން ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ހުރީ ދެ އިންސައްތައިގައެވެ.