ރަނގަޅަށް ނުނިދިގެން ތިއުޅެނީ ކީއްވެ؟

ނިންޖަކީ މީހާގެ ޖިސްމާނީ އަދި ނަފުސާނީ ދުލަހެޔޮކަމާއި ގުޅިލާމެހިފައިވާ ކަމެކެވެ. ރަނގަޅަށް ހަމަ ނިދި ނުލިބޭނަމަ އޭގެ އަސަރު މީހާގެ އާންމު ދިރިއުޅުމުން ފެންނާނެއެވެ. ގިނަ ދުވަސް ވަންދެން، ރަނގަޅަސް ހަމަ ނިދި ނުލިބި އުޅެން ވެއްޖެނަމަ އެކަމުން ކުރާ ބޮޑެތި ނޭދެވޭ އަސަރު ހުރެއެވެ. އޭގެ ތެރެއިން އެންމެ އާންމު ކަމަކީ ލޭ މައްޗަށް ދިއުމުގެ މައްސަލައެވެ.

ބައެއް މީހުންނަކީ ނިދަން އުނދަގޫވުމުގެ މައްސަލަ ހުންނަ މީހުންނެވެ. ނިދަން ކިތަންމެ ވަރަށް މަސައްކަތް ކުރި ނަމަވެސް ބައެއް މީހުންނަށް ނިދަން އުނދަގޫވުމުގެ މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް ބައެއް މީހުންނަކީ ފޯނުގެ އަވައިގައި ޖެހިގެން ގަސްދުގައި ނިދި ނަގާލާ މީހުންނެވެ.

މިއަދު މި ހިއްސާކޮށްލަނީ ނިދުމަށް އެހީވެދާނެ ފަސް ޓިޕްސްއަށެވެ.

ނިދާ ވަގުތުގެ ރޫޓިންއެއް ހެދުން

ވިސްނާލައިފިނަމަ، އަހަރެމެން ކުޑައިރުވެސް އެނދަށް އަރާ ހަމަ ނިދަނީކީއެއް ނޫނެވެ. ނިދުމުގެ ކުރިން ތަރުތީބުން ކުރާ އެތައް ކަމެއް އޮވެއެވެ. އެއީ ބުއްތަށި ބޮއެގެން، ފެންވަރާ، ނުވަތަ ދަތްއުނގުޅުން ކަމަށް ވެދާނެއެވެ.

ނަމަވެސް މިހާރު އަހަރެމެން މިތިބީ ބޮޑުވެފައެވެ. އަހަރެމެންގެ އަމިއްލަ ރޫޓީންއެއް އުފައްދަންވެފައެވެ. ހަމަ އެނދުގައި ޖައްސާލާއިރަށް ނުނިދޭ މީހުން އުޅެއެވެ. ނަމަވެސް މި ރޫޓިންގެ ތެރެއަށް ބުރަ ކަސްރަތު ކުރުން ނުލާށެވެ. ދުވުން ފަދަ ބުރަ ކަސްރަތު ކުރާނީ މަދުވެގެން ނިދުމުގެ ދެ ގަޑިއިރު ކުރިންނެވެ.

ނިދާ ހޭލަން އެއްވަގުތެއް ކަނޑައެޅުން

ކޮންމެ ދުވަހެއްގަވެސް އެއް އިރެއްގައި ނިދާފައި، އެއް އިރެއްގައި ހޭލަން އާދަ ކުރާށެވެ. އޭރުން ކިތަންމެ ކަންބޮޑުވެފައި ހުންނަ ދުވަހެއްގައިވެސް މި އާދައާއިއެކު ނިދޭނެއެވެ.

ގަޑި ނުބަލާށެވެ

ގަޑި ބެލުމުން ނިދަން މި ލިބެނީ މިވަނި ގަޑީރެއްކަން އިހުސާސް ވާނެއެވެ. މިކަމާހެދި ނިދުމަށް ހުރަސް އެޅެއެވެ.

ނިދުމުގެ ވެށި ރަނގަޅު ކުރާށެވެ

ދިރާސާތަކުން ދައްކާ ގޮތުގައި އަނދިރި، އަޑު މަޑު، އަދި ފިނި ތަނެއްގައި ނިދަން ގިނަ މީހުންނަށް ފަސޭހައެވެ. ފަހަރުގައި އަނދިރި އަދި ފިނި ތަނެއްގައި ނިދުމަށް ބައެއް މީހުންނަށް އުނދަގޫވެދާނެއެވެ. އެހެންކަމުން ތިމާއާއި އެންމެ ގުޅޭ ގޮތަށް ނިދާ ކޮޓަރި ބަދަލުކޮށްލާށެވެ.

ހެޔޮނުވާނެ! ތި ފޯނު ދުރައްލާ!

ފޭސްބުކް، އިންސްޓަގްރާމް، ސްނެޕް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާތަކުގެ އަވައިގައި ޖެހި ވަގުތު ހޭދަވެގެންދާނެ ގޮތެއްވެސް ނޭނގޭނެއެވެ. އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ފޮޓޯތަކަށް ލައިކް ދީ ކޮމެންޓް ކުރުމުގައި އެތައް ވަގުތެއް ހޭދަކުރެވެއެވެ.

ނެޓްފްލިކްސް ބަލަން ފެށިއްޖެނަމަ "އަދި އެއް އެޕިސޯޑް" ބަލައި ކޮޅުން ނުލައެވެ. ހަމަ އެންމެ ރަނގަޅު ގޮތަކީ ފޯނު ދުރަށްލުމެވެ.