އެޕަލްގެ އާމްދަނީ އާއި ފައިދާ އިތުރުވެއްޖެ

އެޕަލްގެ ވިޔަފާރި ރަނގަޅުވެ، ކުންފުންޏަށް ލިބުނު އާމްދަނީ އާއި ފައިދާ އިތުރުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެޕަލްއަށް ލިބުނު އާމްދަނީ ވަނީ 89.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާބަލާއިރު 50 އިންސައްތަ އިތުރުވުމެކެވެ.

އެޕަލް ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ލިބުނު ފައިދާ ވަނީ 23.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޕަލްގެ ފައިދާ ހުރީ 11.3 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެޕަލް އިން ވަނީ 5ޖީ ފޯން ތައާރަފުކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެޕަލްގެ އައިފޯންގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.