އޮޕޯ ވޮޗް އާއި ގުޅޭ ގޮތުން މައުލޫމާތު ދެނީ: ފޮޓޯ އޮޕޯ

އޮޕޯ ވޮޗް ފުރިހަމައަށް ދައްކާލައިފި

ޗައިނާގެ މަޝްހޫރު އޮޕޯ ބްރޭންޑްގެ ފުރަތަމަ ސްމާޓްވޮޗް، "އޮޕޯ ވޮޗް" ފުރިހަމައަށް ދައްކާލައިފިއެވެ.

އޮޕޯ ވޮޗް ފުލް ރިވީލްކޮށްފައިވަނީ އޮޕޯ ފައިންޑް އެކްސް 2 ލޯންޗް އިވެންޓްގައެވެ. އެ އިވެންޓްގައި އޮޕޯ ވޮޗް ދައްކާލާނެ ކަން އޮޕޯ އިން ވަނީ ކުރިންވެސް ހާމަކޮށްފައެވެ.

ބަލާބެލުމަށް އޮޕޯ ވޮޗް އާއި އެޕަލް ވޮޗް އާ އެއްގޮތްކަމެއް ހުރެއެވެ. އޮޕޯ އިން ހާމަކުރި ގޮތުގައި އޮޕޯ ވޮޗްގައި ހިމެނޭނީ 3ޑީ ފްލެކްސިބަލް ހައިޕާބޮލޯއިޑް ޑިސްޕްލޭއެކެވެ. މިއީ މިފަދަ ޑިސްޕްލޭއެއް ސްމާޓް ވޮޗެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރުކަމަށް އޮޕޯ އިން ވަނީ ބުނެފައެވެ.

އޮޕޯ ވޮޗްގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީ ހިމެނޭނެ ކަމަށާއި ހެލްތު އެންޑް ފިޓްނަސް ޓްރެކް ކުރެވޭނެ ކަމަށް އޮޕޯ އިން ވަނީ ބުނެފައެވެ. އަދި މި ވޮޗްގައި އީ ސިމް ބޭނުން ކުރެވޭނެ ކަމަށް އޮޕޯ އިން ބުނެއެވެ.

ފުލް ޗާޖުގައި، ސްމާޓް މޯޑްގައި 40 ގަޑިއިރު މި ސްމާޓްވޮޗް ބޭނުން ކުރެވޭނެ ކަމަށްވެސް އޮޕޯ އިން ވަނީ ބުނެފައެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ދަ ވާޖް އިން ރިޕޯޓްކޮށްފައިވާ ގޮތުން އޮޕޯ ވޮޗް ޗައިނާގައި ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އޮޕޯ ވޮޗް ވިއްކާނީ 215 ޑޮލަރަށް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.