ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއްޖެ

އޯޑިއޯ ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ސްވިޑްންގެ ސްޕޮޓިފައިގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން 299 މިލިއަން މީހުން، މަދުވެގެން މަހަކު އެއްފަހަރު ސްޕޮޓިފައި ބޭނުންކުރެއެވެ. އެ އަދަދަކީ މީގެ އެއް އަހަރު ކުރިއާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަދަދަކީ، ސްޕޮޓިފައި އިން މީގެ ކުރިން ލަފާކުރި މިންވަރާއި ވަރަށް ގާތް މިންވަރެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޕޮޓިފައިގެ ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށް އަރާނެ ކަމަށް ސްޕޮޓިފައި އިން މީގެ ކުރިން ވަނީ ލަފާކޮށްފައެވެ.

ދެވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން، ސްޕޮޓިފައި ގެ ޕެއިޑް ސަބްސްކްރައިބަރުންގެ އަދަދު ޖޫން މަސް ނިމުނުއިރު ވަނީ 138 މިލިއަނަށް އަރާފައެވެ. މިއީ 27 އިންސައްތައިގެ އިތުރުވުމެކެވެ. ސްޕޮޓިފައި އިން ލަފާކުރާ ގޮތުން، ސެޕްޓެމްބަރު މަސް ނިމޭއިރު ޕެއިޑް ސަބްސްކްރައިބަރުންގެ އަދަދު 140 މިލިއަން އާއި 144 މިލިއަންއާ ދެމެދުގެ އަދަދަކަށް އިތުރުވާނެއެވެ.