ގެލެކްސީ އެސް10 ލައިޓް

ގެލެކްސީ އެސް10 ލައިޓް މިއަދު އެމެރިކާގެ ބާޒާރަށް

ސެމްސަންގް ގެލެކްސީ އެސް10 ލައިޓް، މިއަދު އެމެރިކާގެ ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ފޯނުގެ އަގަކީ 650 ޑޮލަރެވެ. ސެމްސަންގުން ބުނި ގޮތުގައި ސެމްސަންގް އޮންލައިން ސްޓޯރް، އެމެޒޮން އަދި ބެސްޓް ބައީސް ވެބްސައިޓް މެދުވެރިކޮށް ފޯނު ގަނެވޭނެއެވެ.

ގެލެކްސީ އެސް10 ލައިޓް އަކީ، ގެލެކްސީ އެސް10 ފްލޭގްޝިޕްގެ ބަޖެޓް ވާޝަން ފޯނެކެވެ. އެސް10 ލައިޓްގައި ހިމެނެނީ 6.7 އިންޗީގެ  2400 ގުނަ 1080 ރިޒޮލުޝަންގެ ސުޕާ އެމޯލެޑް ސްކްރީނެެކެވެ.

ސްނެޕްޑްރެގޮން 855 ގެ ޕްރޮސެސާއެއް ހިމެނޭ މި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 5 މެގަޕިކްސެލްގެ ކެމެރާއަކާއި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާ އަކާއި 48 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެކެވެ.

ސެމްސަންގުން އިއްޔެ ވަނީ ގެލެކްސީ ޓެބް އެސް6 ލައިޓް އިއުލާނުކޮށްފައެވެ. މި ޓެބް އަކީ ސެމްސަންގުން މިދިޔަ އަހަރު ނެރުނު ގެލެކްސީ ޓެބް އެސް6 ގެ ބަޖެޓް ވާޝަނެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ޓެބްގެ އަގަކީ 349.99 ޑޮލަރެވެ.

ގެލެކްސީ ޓެބް އެސް6 ލައިޓްގައި ހިމެނެނީ 10.4 އިންޗީގެ ސްކްރީނެކެވެ. ޓެބްގެ ފަހަތުގައި 8 މެގަޕިކްސެލްގެ ކެމެރާއެއް ހުންނައިރު ސެލްފީ ކެމެރާއަކަށް ހުންނަނީ 5 މެގަޕިކްސެލްގެ ކެމެރާއެކެވެ.