ވިންޑޯންސް އެކްސްޕީގެ ސޯސް ކޯޑް ލީކްވެއްޖެ

މައިކްރޯސޮފްޓް ވިންޑޯންސް އެކްސްޕީ އަދި ވިންޑޯންސް ސާވާ 2003 ގެ ސޯސް ކޯޑް ލީކްވެއްޖެއެވެ.

އެ ދެ އޮޕަރޭޓިން ސިސްޓަމްގެ ސޯސް ކޯޑްތައް އިންޓަނެޓްގައި ލީކްވެފައިވާއިރު، މިއީ ވިންޑޯސް އެކްސްޕީގެ ސޯސް ކޯޑްތައް ޕަބްލިކްކޮށް ލީކްވި ފުރަތަމަ ފަހަރެއެވެ. ނަމަވެސް ވިންޑޯސް އެކްސްޕީގެ ސޯސް ކޯޑްތައް ޕްރައިވެޓްކޮށް މީގެ ކުރިން ލީކްވެފައިވެއެވެ.

ސޯސް ކޯޑްތައް ލީކްވި ނަމަވެސް، ވިންޑޯސް އެކްސްޕީގެ ސިސްޓަމްތަކަށް މާބޮޑު ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ ވިންޑޯސް އެކްސްޕީގެ ސަޕޯޓް ހިދުމަތް، މައިކްރޯސޮފްޓުން 2014 ވަނަ އަހަރު ހުއްޓާލާފައިވާ ކަމެވެ.

ވިންޑޯސް 10 އާ ގުޅުންހުރި، އެއް ޖީބީގެ ސޯސް ކޯޑް މީގެ ކުރިން ލީކްވެފައިވެއެވެ. އަދި އެކްސްބޮކްސް އާ ގުޅުންހުރި ސޯސް ކޯޑްތަކެއްވެސް ލީކްވެފައިވެއެވެ.