އެޑޯބީ އިން ފްލޭޝް ކޮންޓެންޓް ބްލޮކްކުރަން ފަށަނީ

ޖެނުވަރީ މަހުގެ ތެރޭގައި، ފްލޭޝް ކޮންޓެންޓް ބްލޮކްކުރަން ފަށާނެ ކަމަށް އެޑޯބީ އިން ހާމަކޮށްފިއެވެ.

ފްލޭޝް ޕްލެޔާގެ އަޕްޑޭޓާއެކު، އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފްލޭޝް ކޮންޓެންޓް ބްލޮކްކުރަން ފަށާނެ ކަމަށް އެޑޯބީ އިން ވަނީ ހާމަކޮށްފައެވެ. ފްލޭޝް ޕްލެޔާއަށް ސަޕޯޓްސާވިސް ދިނުން، މިމަހުގެ ނިޔަލަށް ހުއްޓާލާއިރު އޭގެ ކުރިން ފްލޭޝް ޕްލެޔާ އަންއިންސްޓޯލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެޑޯބީ އިން މި ނިންމުން ނިންމާފައި މިވަނީ މައިކްރޮސޮފްޓް އެޖް އަދި އިންޓަނެޓް އެކްސްޕްލޯރާގައި އެޑޯބީ ފްލޭޝް ޕްލެޔާ ސަޕޯޓްކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލާނެކަން އިއުލާނުކޮށްފައިވާތާ މަސްތަކެއް ފަހުންނެވެ. މައިކްރޮސޮފްޓްގެ އިތުރުން ގޫގުލް ކޮރޯމް އަދި މޮޒިއްލާ ފަޔަފޮކްސް އިން ވެެސް ވަނީ އެޑޯބީ ފްލޭޝް ޕްލެޔާއަށް އަލްވަދާއު ކިޔަން ނިންމާފައެވެ.