ފަހަށް ފައިސާ ރައްކާކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
އަބަދުވެސް އިވެނީ މުސާރައިން ދެކޮޅު ނުޖެހޭ ކަމުގެ ޝަކުވާއެވެ. އުޅޭތަނަށް ކުލި ދައްކައި، ބިލްތައް ދައްކާ ނިމޭއިރު މުސާރަ "ހުލި" ވާ ކަމުގެ ޝަކުވާއެވެ. ފަހަށް ރައްކާނުކުރެވޭ ކަމުގެ ޝަކުވާއެވެ. ކަން މިހެން ހުރި ނަމަވެސް ބައެއް ކުދިކުދި ބަދަލުތަކާއެކު މުސާރައިން ބައެއް ސަލާމަތްކޮށް ފަހަށް ރައްކާކުރެވިދާނެއެވެ.
ބާޒާރު ކުރުން
ގެއަށް ގަންނަން ބޭނުންވާ ތަކެތި ގަންނަން ދިއުމުގެ ކުރިން އެ ތަކެތީގެ ލިސްޓެއް ތައްޔާރުކޮށްލާށެވެ. އެއަށްފަހު އެތަކެތި ގަންނަން ހޭދަވާނެ ކަމަށް ބެލެވޭ އަގު އަންދާޒާކޮށްލާށެވެ. ބާޒާރުކުރަން ދާނީ ލިސްޓާއި އަންދާޒާކޮށްލި އަދަދަށް ފައިސާ ހިފައިގެންނެވެ. އިތުރަށް ފައިސާ ނުގެންދާށެވެ.
ލިސްޓާއި ނުލައި ބާޒާރުކުރާނަމަ، ކޮންމެހެން އެ ވަގުތަށް ބޭނުން ނުވާ ތަކެތިވެސް ގަނެވޭ ގޮތް މެދުވެރިވެއެވެ. ލިސްޓާއެކު ބަޖެޓް އަދަދަކަށް ފައިސާ ގެންދިއުމުން އެހެން ތަކެތި ގަނެވުމުގެ ފުރުސަތު ކުޑަވާނެއެވެ.
ބޯނަސް ޕޮއިންޓެއް: ބާޒާރު ކުރާއިރު، ގެ ކައިރި ފިހާރަތަކުން އެއްޗެހި ގަތުމުގެ ބަދަލުގައި، މުދާ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ބޮޑެތި ފިހާރަތަކުން އެއްޗެހި ގަތުމުގައި އިސްކަންދޭށެވެ. ގެ ކައިރީގައި ހުންނަ ފިހާރައަށްވުރެ ހެޔޮ އަގުގައި، ޑިސްޓްރިބިއުޓްކުރާ ފިހާރަތަކުން ލިބޭނެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރަންތަ؟ އަވަހަށް ހުއްޓާލާ
ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކުގެ ވާހަކައަކީ އަބަދުވެސް އިވިއިވި ހުންނަ ވާހަކަތަކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން އެ ހަރަދުވެސް އޭރުން ސަލާމަތްކުރެވޭނެއެވެ.
ހިނގާފައި އުޅުން
ހިނގާބިނގާވެ އުޅުމުގައި ސިއްހީ މައްސަލައެއް ނެތްކަމުގައި ވިޔަސް، ވަރަށް ކައިރި ތަނަކަށްދިއުމަށް ގިނަފަހަރު ސައިކަލުގައި ދެވޭތަން އާދެއެވެ. ހިނގާފައި އުޅުމަށް އާދަކޮށްލާށެވެ. މިއީ ސަލާމަތްކުރެވޭ ޕެޓްރޯލެވެ. ސިއްހަތަށް ދެވޭ ބޯނަސް ޕޮއިންޓެކެވެ.
ފައިސާ ރައްކާކުރަން ބޭނުންނަމަ ސައި/ކޮފީ މޭޒުތަކުން ދުރުވެލަން ޖެހޭ
ކަށީގައި ހިފާފައި ހުންނަ އާދައެއް ކަމަށްވެސް ވެދާނެއެވެ. އެއީ ކޮފީއެއް ނުވަތަ ސައިތަށްޓެއް ބޯލުމަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކެފޭއަކަށް ނުވަތަ ރެސްޓޯރަންޓަކަށް ދިއުމެވެ. މިފަދަ ގިނަ ސައި/ކޮފީ އަކީ "ބޭކާރު އަނގަތަޅާ" ބައްދަލުވުންތަކެއް ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.
ދިރިއުޅުން ފަސޭހަކޮށް، ފައިސާއެއް ރައްކާކުރަން ބޭނުންނަމަ މިފަދަ ހަރަދުތައްވެސް މަދުކޮށްލެވޭނެއެވެ.