ޕީއެސް 5 ގެ އިވެންޓެއް މި ހަފުތާގައި

ޕްލޭސްޓޭޝަން 5 ގެ ހާއްސަ އިވެންޓެއް ބޭއްވުމަށް ސޮނީ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

މި އިވެންޓް އޮންނާނީ ރާއްޖޭ ގަޑިން އަންނަ ބުރާސްފަތި ދުވަހުގެ ދަންވަރު 1:00 ގައެވެ. މިއީ 40 މިނެޓްގެ "ޑިޖިޓަލް ޝޯކޭސް" އެކެވެ. މި އިވެންޓްގައި، ފަސްޓް-ޕާޓީ ސޮނީ ގޭމް ސްޓޫޑިއޯސް އަދި ޓާޑް ޕާޓީ ޕާޓްނާސްގެ އަޕްޑޭޓްތައް އާންމުކުރާނެއެވެ. އަދި ޕީއެސް 5 އަށް އަންނަން ހުރި ގޭމްތަކަށް ބަލައިލާނެއެވެ.

ސޮނީ ކޯޕަރޭޝަން އިން ވަނީ ޕީއެސް 5 ޕްރި-ރެޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. ނަމަވެސް ޕީއެސް 5 ބާޒާރަށް ނެރޭނެ ދުވަހެއް އަދި އަގުގެ ތަފުސީލއެއް އަދި ހާމައެއް ނުކުރެއެވެ. ސޮނީ ކޯޕަރޭޝަން އިން މި ހަފުތާގައި ބާއްވާ އިވެންޓްގައި އެ ތަފުސީލުތައް އާންމު ކުރާނެ ކަމަށް ބެލެވެއެވެ.