13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އިންސްޓަގްރާމް ވާޝަނެއް އުފައްދަނީ

އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން އިންސްޓަގްރާމްގެ ވާޝަނެއްގެ މަސައްކަތް ކުރަމުންދާ ކަމަށް އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ ބުނެފިއެވެ.

މޮސެރީ ކުރި ޓްވީޓެއްގައި ބުނީ އިންސްޓަގްރާމް ބޭނުންކުރެވިދާނެތޯ ކުދިން، ބެލެނިވެރިން ގާތުން އަހާ މިންވަރު އިތުރު ކަމަށެވެ. އެއީ އެ ކުދިންގެ ރައްޓެހިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކަމަށް މޮސެރީ ވަނީ ބުނެފައެވެ.

އާ ވާޝަންގައި ބެލެނިވެރިންނަށް ކޮންޓްރޯލް އޮންނާނެ ކަމަށް މޮސެރީ ބުންޏެވެ. މޮސެރީ ވަނީ އާ ވާޝަންގެ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފައެވެ.

އިންސްޓަގްރާމް ހިންގަމުން އަންނަނީ ފޭސްބުކްގެ ދަށުންނެވެ. މިކަމާ ގުޅޭ ގޮތުން ފޭސްބުކްގެ ތަރުޖަމާނު ބުނި ގޮތުގައި މި ވަގުތު މާގިނަ އޮޕްޝަންތަކެއް ބެލެނިވެރިންނަށް ނެތެވެ. އެހެންކަމުން ކުޑަކުދިންނަށް ހާއްސަ އުފެއްދުމެއް އުފައްދަނީ ކަމަށް އޭނާ ބުންޏެވެ. މިއީ މެސެންޖާ ކިޑްސް ފަދަ އުފެއްދުމެއް ކަމަށާއި ބެލެނިވެރިންނަށް ކޮންޓްރޯލް އޮންނާނެ އުފެއްދުމެއް ކަމަށް ފޭސްބުކްގެ ތަރުޖަމާނުވެސް ބުނެފައިވެއެވެ.