އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދުމަކީ ގޯހެއް

ދުވަހުގެ މަސައްކަތްތަކުގައި ބުރަކޮށް އުޅުމަށްފަހު، ނިދާލުމުގެ ކުރިން ފެން ވަރާލުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނިދަން އޮށޯންނައިރު ބައެއް މީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ތެމިފައެވެ. އިސްތަށިގަނޑު ތެމިފައި ހުއްޓާ ނިދުމަކީ ކުރުން އެދެވިގެންވާ ކަމެއް ނޫނެވެ.

އިންސާނާ ނިދާފައި އޮންނައިރު، އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ނުވަތަ ޓެމްޕަރޭޗާ ދަށަށް ދެއެވެ. ބޮލުގެ އިސްތަށިގަނޑު ތެމިފައިހުރުމަކީ ހަށިގަނޑުގެ ޓެމްޕަރޭޗާ އިތުރަށް ދަށަށް ދިއުމަށް މެދުވެރިވާ ސަބަބެކެވެ. މިއީ ރޯގާ ޖެހުން ފަދަ ކަންކަމަށް މަގުފަހިކުރުވާ ކަމެކެވެ.

އިސްތަށިގަނޑު ނުހިއްކާ އާންމުކޮށް ނިދާ ނަމަ އިސްތަށިގަނޑު ބަލިވާނެއެވެ. އެކަމުގެ ސަބަބުން އިސްތަށި ފޭބުމަށް މެދުވެރިވެއެވެ. ހަންފޮޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބޮލުން އިސްތަށި ފައިބާތީ އެކަން ހައްލު ކުރުމަށް އަދި ހަންފޮޅޭތީ އެކަން ހައްލުކުރުމަށް ހާއްސަ ޝޭމްޕޫ ބޭނުންކުރި ނަމަވެސް ނަތީޖާ ނުފެންނަ އެއް ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.

ނިދުމުގެ ކުރިން ފެން ވަރާނަމަ، ރަނގަޅަށް އިސްތަށިގަނޑުން ފެން ހިއްކާލާށެވެ. މިކަމަށް އެންމެ ރަނގަޅީ ސޮފްޓް ތުވާއްޔެކެވެ. މިއީ ތެތް ތުވާލިއަކަށް ވެގެން ނުވާނެއެވެ.