ލިބޭ ގެއްލުމަކުން އަރައިގަންނާނީ ކިހިނެއް؟
ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނެ އުޅެއެވެ. މިއަދު ދަށްކަން މި އުޅޭ ވާހަކައަކީ ދިރިއުޅުމުގައި ކުރިމަތިވާ އަޑިތަކާއި ކުރިމަތިލައި އެކަމުން އަރައިގަނެވޭނެ ގޮތުގެ ވާހަކައެވެ. އެ އަޑިގަނޑަކީ ކާމިޔާބު ނުވި ލޯބީގެ ގުޅުމެއް، ނުވަތަ ގެއްލުނު މުދަލެއް، ނުވަތަ ފާސް ނުވި ކިޔެވުމުގެ އިމްތިހާނެއް ކަމަށްވެސް ވެދާނެއެވެ.
އެންމެ ފުރަތަމަ ކަމަކީ އެކަމެއް ވީކަން ގަބޫލުކުރުމެވެ. ވަރަށް ގިނަ މީހުން ކަމެއް ވުމުން "ޑިނައަލް" އަށް ދާނެއެވެ. އެއީ ކަމެއް ވުމުން އެއީ ނުވާ ކަމެއް ކަމަށް ހަދައިގެން އުޅުމެވެ. އިހްސާސްތައް ހިފަހައްޓައިގެން އުޅުމެވެ. ދެރަވަންޏާ ދެރަވާކަމަށް ނުހަދަ ނުހުންނާށެވެ. ދެރަ ވާށެވެ. ތިމާއަށް ދެރަވުމުގެ ހައްގު އެބައޮތެވެ. އިމްތިހާނުން ފާސްނުވީ ތިމާގެ މައްސަލައެއްވެސް އޮވެގެންކަން ގަބޫލު ކުރާށެވެ. ރުޅި އަންނަފަދަ ހާލަތެއް ނަމަ ރުޅިވެސް އަންނާށެވެ. ރުޅި އަންނަކަމަށް ގަބޫލު ކުރާށެވެ.
ދެވަނަ ކަމަކީ މިހުރިހާ އިހުސާސްތަކެއް ބަންދު ކޮށްފައި ނުބެހެއްޓުމެވެ. ވީކަމެއް ކޮންމެވެސް މީހަކަށް ކިޔާދޭށެވެ. އަޑު އަހާނެ ކޮންމެވެސް މީހެއް ހުންނާނެއެވެ. މީހެއް ނެތްކަމަށް ދުވަހަކުވެސް ހިތަށް ނާރުވާށެވެ. އެމީހަކު ތިމާއާއި އެއްބަސް ނުވިޔަސް ވާކަންތައް ކިޔާދިނުމުން ހިތްހަމަޖެހުން ލިބޭނެއެވެ. ނުވަތަ ލިޔާށެވެ. ކޮންމެވެސްތާކު ދިމާވި ކަންތަކާއި ބެހޭގޮތުން ލިޔުމުންވެސް އިހްސާސްތައް ބޭރުވެގެންދެއެވެ. ރުޅި އަންނަ ނަމަ އެ އިހްސާސްވެސް ބޭރު ކުރާށެވެ. ރުޅި ބޭރު ނުކޮށް ބަންދު ކުރުމުން ފަހުން ރުޅިގަނޑު ބޮޑުވެގެން ފަޅައިން ދިޔައިމަ މާ ގޯސްވާނެއެވެ. މީގެ އިތުރުން ޕޮޒިޓިވް އިހްސާސް ތަކުގެ ވާހަކަވެސް ދައްކަން ހަނދާން ކުރާށެވެ.
ތިންވަނަ ކަމަކީ ވަގުތު ދިނުމެވެ. ހަށިގަނޑަސް ލިބޭ ޒަހަމެއް ފަސޭހަވުމަށްވެސް ވަގުތު ނަގާ ފަދައިން ލިބޭ ނަފުސާނީ ގެއްލުންތަކުން އަރައިގަތުމަށްވެސް ވަގުތު ނަގާނެއެވެ. މި ވަގުތުގައި ދިރިއުޅުމުގައި ރަނގަޅަށް މިހާރުވާ ކަންތަކަށް ބޮޑަށް ސަމާލުކަން ދޭށެވެ. ތިމާއަށް އުފާވެރިކަން ގެނެސްދޭ މީހުންނާއެކު ގިނައިން ވަގުތު ހޭދަކުރާށެވެ. އޭރުން ދިމާވި ގެއްލުމުން އަވަހަށް އަރައިގަންނަން ފަސޭހަވާނެއެވެ.
އެންމެ ފަހުކަމަކަށް މާފު ކުރާށެވެ. މާފުކުރުމުން ތިމާއަށް ލިބޭ ގެއްލުމަކީ ކޮބާ ހެއްޔެވެ؟ އެކަމަކީ އަމިއްލައަށް އަމިއްލަ ނަފުސަށް މާފުކުރަން ޖެހޭ ކަމަކަށްވެސް ވެދާނެއެވެ. މާފު ކުރަން ދަސްކުރާށެވެ.