އެޕަލްގެ އިވެންޓެއްގައި ޓިމް ކުކް

އެޕަލްގެ ބޮޑު އިވެންޓެއް މިމަހު؟

އެޕަލްއިން މިމަހުގެ ތެރޭގައި ބޮޑު އިވެންޓެއް ބާއްވަފާނެ ކަމަށް އެޕަލްގެ މައުލޫމާތުތައް ލީކްކުރަމުންދާ ޖޮން ޕްރޮސާ ބުނެފިއެވެ.

ޖޮން ޕްރޮސާ ބުނި ގޮތުގައި މި އިވެންޓް އޮންނާނެ ކަމަށް ބެލެވެނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މި އިވެންޓްގައި އެޕަލްގެ އެއާޓެގް އާއި އެއާޕޮޑްސް 3 ނުވަތަ އައިޕެޑް ޕްރޯ އަޕްޑޭޓެއް ދައްކާލާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެޕަލްއިން މިކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެޕަލްއިން ވަނީ އައިފޯން 12 އާއި އެޕަލް ވޮޗް 6 އަދި އާ އައިޕެޑް ބާޒާރަށް ނެރެފައެވެ.

އެޕަލް އިން ދާދި ފަހުން ވަނީ އެ ކުންފުނީގެ އައިމެކް ޕްރޯ އުފެއްދުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެޕަލް އިން ސްމާޓް ގްލާސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިހާރު ވަނީ އަޑުފެތުރިފައެވެ.