އައިފޯން 11 ދައްކާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

އާ އައިފޯނަށް ކުރަންޖެހޭ އިންތިޒާރު ހަފުތާތަކަކަށް ދިގުލައިދާނެ

އެޕަލްގެ އާ އައިފޯނަށް އިންތިޒާރުކުރާ މީހުން މަދެއް ނުވާނެއެވެ. ނަމަވެސް މިފަހަރު، އާ އައިފޯނަށް ކުރަންޖެހޭ އިންތިޒާރު ދުވަސްކޮޅަކަށް ދިގުލައިގެން ހިނގައިދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަބަބަކީ ކޮވިޑް-19 ޕެންޑެމިކްއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެޕަލްއަށް ލިބުނު އާމްދަނީ އާގުޅޭ ގޮތުން ބޭއްވި ކޮންފަރެންސް ކޯލެއްގައި، ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސާ ލޫކާ މައެސްޓީ ވިދާޅުވީ މިދިޔަ އަހަރުގެ އައިފޯނު އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވިއްކަން ފެށުނު ކަމަށެވެ. މިއަހަރުގެ އައިފޯނު ބާޒާރަށް ނެރުން ހަފުތާތަކެއް ލަސްވެދާނެ ކަމަށް ލޫކާ ވިދާޅުވިއެވެ.

ލޫކާ ވިދާޅުވީ އައިފޯން ފިޔަވައި، އެޕަލްގެ އެހެން އުފެއްދުންތަކުގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މައިގަނޑު އެއް ސަބަބަކީ ބެކް-ޓު-ސްކޫލް ޝޮޕިން ސީޒަންއެވެ. ބެކް-ޓު-ސްކޫލް ސީޒަންއަކީ، މެކް އަދި އައިޕެޑް ގަތުމަށް ދަރިވަރުންގެ މެދުގައި މަގުބޫލު ދުވަސްކޮޅެކެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފާނެކަން، އެންމެ ފުރަތަމަ ސަމާލުކަމަށް ގެނައި އެއް ކުންފުންޏަކީ އެޕަލްއެވެ. އެގޮތުން އައިފޯނުގެ ވިޔަފާރި އާއި ޕްރޮޑަކްޓް ސަޕްލައިއަށް ނޭދެވޭ އަސަރުކޮށްދާނެ ކަމަށް ފެބްރުއަރީ މަހުގެ ތެރޭގައި އެޕަލް އިން ވަނީ ބުނެފައެވެ.