ވާވޭގެ އާ ފޯލްޑަބަލް ފޯނު މިމަހު ލޯންޗްކުރަނީ

ވާވޭގެ އާ ފްލޭގްޝިޕް ފޯލްޑަބަލް ފޯނު، މިމަހު ލޯންޗްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މި ފޯނަށް ކިޔާނެ ކަމަށް ބެލެވޭ ނަމަކީ ވާވޭ މޭޓް އެކްސް 2 އެވެ. މި ފޯނު ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ވާވޭ އިން ވަނީ މޭޓް އެކްސްގެ ނަމުގައި ފޯލްޑަބަލް ފޯނެއް، 2019 ވަނަ އަހަރު ނެރެފައެވެ.

މި ފޯނުގެ ތަފުސީލު، ވާވޭ އިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ލަފާކުރާ ގޮތުން މި ފޯނުގައި 4،400 އެމްއޭއެޗްގެ ބެޓެރިއެއް ހިމެނޭނެއެވެ. އަދި 66 ވޯޓްގެ ފާސްޓް ޗާޖިން ޓެކްނޮލޮޖީ ހިމެނޭނެއެވެ.

ފޯނުގެ ފަހަތުގައި ހަތަރު ކެމެރާ ހުންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި 50 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭއިރު ސެލްފީ ކެމެރާގައި 16 މެގަޕިކްސެލް ހުންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.