އެންމެފަހުން އަނބިމީހާއަށް ސަޕްރައިޒެއް ދިނީ ކޮންއިރަކު؟

އެންމެފަހުން އަނބިމީހާއަށް ސަޕްރައިޒެއް ދިނީ ކޮންއިރަކު ހެއްޔެވެ؟ ދޭތެރެ ދޭތެރެއިން އަނބިމީހާއަށް ސަޕްރައިޒެއް ދޭށެވެ. މިއީ ލޯބި އިތުރުކޮށްދީ ގުޅުން ބަދަހިވެގެންދާނެ ކަމެކެވެ. އަނބިމީހާ އުފާވާނެ ކަމެކެވެ.

ސަޕްރައިޒަކީ ކޮންމެ ފަހަަރަކު އަގުބޮޑު މުދަލަކަށް ވާކަށް ނުޖެހޭނެއެވެ. ސަޕްރައިޒެއް ދެވޭނެ ވަރަށް ގިނަ ގޮތްތައް އެބަހުއްޓެވެ.

ކެއުމަކަށް ދިޔުން

ގިނަ އާއިލާތަކުގައި، ވަޒީފާއަކަށް ގޮސް އާމްދަނީ ހޯދުމުގެ ޒިންމާ އަދާކުރަނީ ފިރިމީހާއެވެ. އަނބިމީހާގެ ވަޒީފާއަކީވެސް ބުރަ ވަޒީފާއެކެވެ. ދަރިން ބެލުމާއި ގޭތެރެ ބެލެހެއްޓުމުގެ ޒިންމާއަކީ އަނބިމީހާގެ ޒިންމާއެކެވެ.

ސަޕްރައިޒަކަށް އަނބިމީހާ ގޮވައިގެން ކެއުމަކަށް ރެސްޓޯރަންޓަކަށްދާށެވެ. އަދި އެއީ އުފާވެރި ވަގުތުކޮޅަކަށް ހަދާށެވެ.

ސިނަމާއަށް ދިޔުން

ފިލްމް ބެލުމަށް ލޯބިކުރާ މީހުން މަދެއް ނޫނެވެ. އެއީ ދިވެހި ނުވަތަ ބޮލީވުޑް ނުވަތަ ހޮލީވުޑްގެ ފިލްމަކަށް ވިޔަސް މައްސަލައެއް ނެތެެވެ. ފިލްމް ބެލުމަށް އަނބިމީހާ ލޯބިކުރާނަމަ، ދޭތެރެ ދޭތެރެއިން ވަގުތު ހޯދައިގެން ފިލްމަކަށްދާށެވެ. މިއީ ސަޕްރައިޒަކަށް ހަދާށެވެ.

ޗުއްޓީއެއް ރާވާލުން

ގިނަ މީހުންނަކީ މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންނެވެ. ބައެއް ފަހަރު ހަފުތާ ބަންދުތަކުގައިވެސް އާއިލާއަށް އެކަށިގެންވާ ވަގުތެއް ނުދެވޭ ފަހަރު އާދެއެވެ.

އަނބިމީހާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން، ކުރު ޗުއްޓީއެއް ހޯދައިގެން އަނބިމީހާއާއެކު ކައިރި ރަށަކަށް ނަމަވެސް ގޮސްލާށެވެ.

ހަލާކުވެފައިވާ އެއްޗެއް ނުވަތަ ތަނެއް މަރާމާތުކޮށްދިނުން

ދޮންނަމެޝިން ފަދަ އެއްޗެއް ހަލާކުވެފައި ހުރުމުން އަނބިމީހާގެ ޝަކުވާ ދިގުލައިގެން ގޮސްދާނެއެވެ. އެހެންކަމަށްވާނަމަ އަނބިމީހާއަށް ނޭނގި ދޮންނަމެޝިން މަރާމާތުކޮށްލުމަކީވެސް ކުޑަ ސަޕްރައިޒަކަށް ނުވާނެއެވެ.

މަލެއް ނުވަތަ ގަހެއްވެސް ފުދޭނެ

އަނބިމީހާއަށް މަލެއް ގެންގޮސްދޭށެވެ. ނޫނީ ސިޓިންގް ރޫމް ނުވަތަ ކޮޓަރީގައި ބަހައްޓާލުމަށް ހާއްސަ ގަހެއް ފަދަ އެއްޗެއް ގެންގޮސްދޭށެވެ.