ފޯނުގެ ވިޔަފާރި ބޮޑުތަނުން ދަށަށް

ކޮވިޑް-19 ގެ އަސަރު، ދުނިޔޭގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސްމާޓްފޯނުގެ ވިޔަފާރިވެސް ހިމެނެއެވެ. ކޮވިޑް-19 ގެ ނޭދެވޭ އަސަރުކުރުމުގެ ސަބަބުން އާ ސްމާޓްފޯނު ވިކުނު މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ރީސާޗް ފާމް، ސްޓްރެޓެޖީ އެނަލިޓިކްސް އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، 99 މިލިއަން ފޯނުގެ ޝިޕްމެންޓް ހެދިފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު ހެދިފައިވަނީ 61 މިލިއަން ފޯނުގެ ޝިޕްމެންޓެވެ. މިއީ ގާތްގަނޑަކަށް 38 އިންސައްތައިގެ ދަށްވުމެކެވެ.

ސްމާޓްފޯނުގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކުރި އެންމެ ބޮޑު އެއް ސަބަބަކީ، ކޮވިޑް-19 ޗައިނާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔުމެވެ. އޭޝިއާގެ ބައެއް އެހެން ގައުމުތަކުގެ ފެކްޓްރީތަކަށް ސްމާޓްފޯނު އުފެއްދިފައިނުވާއިރު، ކޮވިޑް-19 ފެތުރޭތީ ފޯނު ގަންނަން ފިހާރަތަކަށްދާން ގިނަ މީހުން ވަނީ ދެކޮޅު ހަދާފައެވެ.

ކޮވިޑް-19 އާ ގުޅިގެން، ފެބްރުއަރީ މަހުގެ 24 އިން 27 އަށް ބޭއްވުމަށް ހަމަޖެއްސި މޯބައިލް ވޯލްޑް ކޮންގްރެސް ވަނީ ކެންސަލްކޮށްފައެވެ. މިއީ އާ ސްމާޓްފޯނުތައް ދައްކާލާ ކޮންްގްރެސްއެކެވެ.

ސެމްސަންގް އިން ހާމަކުރި ގޮތުގައި، ސެމްސަންގުން އެންމެ ފަހުން ނެރުނު އެސް20 ގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. އެޕަލް އިން ވެސް ވަނީ އުންމީދު ކުރި ވަރަށް ވިޔަފާރީގައި ފައިދާ ނުވެދާނެ ކަމަށް ބުނެފައެވެ.