ޕީއެސް5 ގެ ކޮންޓްރޯލާ

އެންމެ ފަހުން ޕީއެސް5 ރިލީޒްކުރުން ފަސްކޮށްފި

މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބުނެ ސޮނީ ކޯޕަރޭޝަންގެ ޕްލޭސްޓޭޝަން 5 ރިލީޒްކުރުން ފަސްކޮށްފިއެވެ.

ޕީއެސް5 ރިލީޒްކުރުން ފަސްކުރުމާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ "މީހުންގެ އަޑުތައް އިވުން މާމުހިންމު" ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕީއެސް5 ރިލީޒްކުރުން ފަސްކުރީ އެމެރިކާގެ ފުލުހުން ޖޯޖް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާއި ގުޅިގެން އެމެރިކާގެ އެކި ސިޓީތަކުގައި އާންމުން އަޑުއުފުލާ ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ޖޯޖްގެ މަރާއި ގުޅިގެން އާންމުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާގެ ފިހާރަތަކަށްވެސް ދަނީ ގެއްލުން ދެމުންނެވެ.

ޕްލޭސްޓޭޝަން ރިލީޒްކުރުން ފަސްކުރިކަން ހާމަކޮށް ނެރުނު ބަޔާނުގައި، ޕީއެސް5 ރިޕީޒްކުރުން ފަސްކުރީ އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް ސީދާ ބުނެފައިނުވެއެވެ.

ބީބީސީ ރޭޑިއޯ 1 ގައި މިދިޔަ މަހު ވާހަކަ ދައްކަމުން ޕްލޭސްޓޭޝަންގެ ސީއީއޯ ޖިމް ރަޔަން ބުނީ ކޮވިޑް-19 އާ ބައެއް އިވެންޓްތައް ކެންސަލްވި ނަމަވެސް ޕީއެސް5 ރިލީޒްކުރުން ފަސްނުވާނެ ކަމަށެވެ.

ޖޯޖް ފްލޮއިޑް މަރުވެފައިވަނީ މިނިއާޕޮލިސްގައި ފުލުހުން ޖޯޖް ހައްޔަރުކުރަން އުޅުމުގެ ތެރޭގައެވެ. ޖޯޖްގެ ކަރަށް ފުލުހަކު ކަކުލުން އަރައިގެން ހުރިއިރު، ނޭވާ ނުލެވޭ ކަމަށް ޖޯޖް ބުނަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.