ކައިވެނި ދެމެހެއްޓުމުގައި ވިސްނަންވީ ކަންތައްތައް

އުފާވެރި ޒަވާޖީ ހަޔާތެއް ހޭދަކޮށްލުމަށް ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. ނަމަވެސް މި އުފާވެރިކަން އެއްވެސް މަސައްކަތަކާއި ނުލާ ލިބޭނެކަމަށް ހީކުރާ މީހުންނަކީ މޮޔައިންނޭވެސް ބުނެވިދާނެއެވެ. ރައްޓެހިވެގެން އުޅުން އިރު އެމަންޖެ ރުއްސަން ކުރި ހުރިހާ ކަމެއް ކައިވެންޏަށް ފަހުވެސް ކުރަންޖެހޭނެ ނޫންހެއްޔެވެ؟ އެކަމަކުވެސް ކައިވެނި ދަމަހައްޓަން ކުރަންޖެހޭ ކަންތައްތަކާއި ވިސްނަންޖެހޭ ވިސްނުންތައް އޮންނަނީ ދެމީހުންނަށް ވެސް ގިނަފަހަރަށް ނުކުރެވިފައެވެ.

އދ ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ވަރި ގިނަ ގައުމަކީ ދިވެހިރާއްޖެއެވެ. އެއީ ކޮންމެ 1000 މީހަކަށް 10.97 ވަރީގެ ރޭޓުންނެވެ. ދެވަނައަށް އެންމެ ވަރި ގިނަ ގައުމު ކަމަށްވާ ބެލަރުސްގައި ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް 4.63 ރޭޓެވެ. ދެ ގައުމު އަޅާ ބަލާއިރު މިއީ އަހަރެމެން ލަދު ގަންނަންޖެހޭވަރުގެ ކަމެކެވެ.

ތިރީގައި މި ބަލާލަނީ އުފާވެރި ޒަވާޖީ ހަޔާތެއް ހޯދުމުގައި ވިސްނިދާނެ ކަންކަމެވެ.

ގުޅުން ހަރުދަނާ ކުރުމަށާއި ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭކަން ގަބޫލުކޮށް އެކަމަށް ވަގުތު ހޭދަކުރުން

ކައިވެނި ކުރުމުގެ ކުރިން އަބަދުވެސް ލޯބިވެރިޔާ ގެއްލިދާނެ ކަމުގެ ބިރު އޮވެއެވެ. އެހެން މީހަކު އައިސް ރައްޓެހިވެގެން އުޅޭ ކުއްޖާ "ޖަހައިގަނެގެން" ހިނގައިދާނެ ކަމުގެ ބިރު އޮވެއެވެ. ނަމަވެސް ކައިވެންޏަށްފަހު މި ބިރު ގިނަމީހުންގެ ހިތްތަކުން ފިލައިގެން ދެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ކައިވެނި ކުރުމުން ހީވަނީ ދެން ބައިވެރިޔާ ނުދާނެ ކަމަށެެވެ. "އެހެރީ އަމިއްލަ މީހަކަށް ވެފަ" ކަމަށެވެ. ދެން ކުރިން ގަނެދީ އުޅުންހާ މަލާއި ޗޮކްލެޓް ގަނެނުދިނަސް ރުހޭނެ ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކައިވެންޏަށްފަހު އޮންނަ "ރިލޭޝަންޝިޕް" ކައިވެނީގެ ކުރިން އޮތް "ރިލޭޝަންޝިޕް" އާއި ހާސްބައި ތަފާތެވެ. ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް މާގިނައެވެ. ވިސްނަންޖެހޭ ވިސްނުންތައް މާ ގިނައެވެ. އެކީގައި ހޭދަކުރަންވީ ވަގުތުވެސް ގިނަވާންޖެހޭނެއެވެ. ކޮންމެ މަހަކު ނަމަވެސް "ޑޭޓް" އަކަށް މަދުވެގެން އެއްފަހަރު ނަމަވެސް ދެމަފިރިން ވަގުތު ހޭދަ ކޮއްލާށެވެ. އޭރުން ހަމަޔަގީނުންވެސް ގުޅުން އިތުރަށް ބަދަހިވާނެއެވެ. މަސައްކަތެއް ނުކޮށް ފޮނި ނަތީޖާލިބުމަށް އުންމީދު ކުރުން ހުއްޓާލާށެވެ.

ބައިވެރިޔާގެ ފަރާތުން ތިމާ ހިތްހަމަ ނުޖެހޭ ފަދަ އާދަތައް ފެންނާނެ ކަމަށް ގަބޫލުކުރުން

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ފަރާތުންވެސް ތިމާ ހިތްހަމަ ނުޖެހޭ ފަދަ ކަންކަން ފެންނާނެއެވެ. އެކީގައި އުޅޭ ރައްޓެހިންގެ ފަރާތުންނާއި، ގޭގައި އުޅޭ އެއްބަނޑު މީހުންގެ ފަރާތުންވެސް މި ކަންކަން ފެންނާނެކަން ޔަގީނެވެ. ވީމާ ބައިވެރިޔާގެ ފަރާތުންވެސް މި ކަންކަން ފެންނާނެކަން ގަބޫލުކުރަން ޖެހޭނެއެވެ. މިސާލަކަށް ތުވާލި އެނދުމައްޗަށް އެއްލާލުން، ބޫޓު ހަރަށް ނުލުން، ތަރުތީބު ނުވުން ފަދަ ކަންކަމަކީ އާންމުކޮށް ވާ ކަންކަމެވެ. ނަމަވެސް މި ކަންތައް ތަކުރާރު ވާނަމަ ކޮންމެ މީހަކުވެސް ހިތްހަމަ ނުޖެހޭނެއެވެ. މި ކަންތައް ހައްލު ކުރުމަކީ ދެމީހުންގެވެސް ޒިންމާއެކެވެ. ރަނގަޅު މޫޑޭއްގައި ހުންނަ ވަގުތު ބައިވެރިޔާއާ ވާހަކަ ދައްކާ މި ކަމަށް ހައްލެއް ހޯދާށެވެ. އޭރުން ފަހުން ރުޅިގަނޑު ފަޅައިންގޮސް މިކަންތައްތައް ބޮޑު ޒުވާބަކަށް ނުވެ ސަލާމަތްވާނެއެވެ.

ވާހަކަ ދައްކާ ކަންކަން ހައްލު ކުރުން

ދިރިއުޅުމަކީ ފިލްމެއް ނޫނެވެ. އަދި ވާހަކަ ފޮތެއްވެސް ނޫނެވެ. ފިލްމުގައި ނުވަތަ ވާހަކަތަކުގައި ވާހެން ދިމާވާ މައްސަލަތައް ކޮންމެސް އިއްތިފާގަކުން ހައްލެއްނުވާނެއެވެ. ވާހަކަ ދައްކާށެވެ. ހައްލު ހޯދާށެވެ. ބައިވެރިޔާއަށް ތިމާގެ ހިތުގައި އޮންނަ އެއްޗެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މުޅި ދުވަހު "ތުންގަނޑު" ދަމާފައި ރުޅި މޫނު ހަދާފައި ހުއްޓަކަސް، ވާހަކަ ނުދައްކަންޏާ ދިމާވެގެން އުޅޭ މައްސަލައަކަށް ހައްލެއް ނުހޯދޭނެއެވެ. މައްސަލައެއް ދިމާވެގެން އުޅޭނަމަ އަޑުއަހަންވެސް ދަސްކުރަން ޖެހޭނެއެވެ. ކަމުގެ ދެކޮޅު ބަލާށެވެ. ބައިވެރިޔާ ދޮގުވެސް ހަދާފާނެ ކަމަށް އެއްބަސްވަމެވެ. އެކަން ބޮޑަށް ދަންނާނީ ތިބޭފުޅާއެވެ. ނަމަވެސް ޒުވާބުކޮށް އަޑުގަދަ ކުރުމުގެ ބަދަލުގައި ދެ ފަރަތުންވެސް ހަމަޖެހިލައިގެން ދެމީހުންގެ ވާހަކަ އަޑު އަހާށެވެ.

 

ކޮންމެ ދުވަހަކު ކޮންމެ މީހަކަށް 50 ޕަސެންޓް ނުދެވޭނެ

ފަންސާސް ޕަސެންޓް ކީއްވެ ހެއްޔެވެ؟ 100 ޕަސެންޓަށް ނުވީ ކީއްވެ ހެއްޔެވެ؟ ގުޅުން މި އޮންނަނީ ދެމިހެއްގެ ދެމުދުގައެވެ. އުފާވެރި ކަމާއެކު އުޅެވޭނީ ކޮންމެ މީހަކުވެސް މި ގުޅުމަށް ކޮންޓްރިބިއުޓް ކޮށްގެންނެވެ. މުޅި ޖުމްލަ 100 ޕަސެންޓެވެ. ކޮންމެ މީހެއްގެ ފަރާތުން 50 ޕަސެންޓެވެ. ތިމާގެ ބައިވެރިޔާ ކޮންމެވެސް ސަބަބަކާހެދި ދެރަވެ ކަންބޮޑު ވެފައި ހުރެދާނެއެވެ. މިސާލަކަށް އޮފީހުގައި ހިނގާ ކޮންމެވެސް ސަބަބަކާ ހެދިއެވެ. އެހެންވުމުގެ ސަބަބުން ބައިވެރިޔާ ތިމާއަށް އަޅާލަންވާ ވަރަށް (50 ޕަސެންޓް) އަޅައި ނުލެވި ހުރެދާނެއެވެ. އެދުވަހު 30 ޕަސެންޓް ދެވިދާނެއެވެ. ތިމާ އެބައި ފުރިހަމަ ކޮށްލާށެވެ. މިއަދު ތިމާ ދޭންޖެހޭ 50 ޕަސެންޓްގެ އިތުރަށް 20 ޕަސެންޓް ދޭށެވެ. އޭރުން ބައިވެރިޔާވެސް ހިތްހަމަ ޖެހޭނެއެވެ. އުފާވާނެއެވެ. ދެމީހުންގެ ގުޅުންވެސް ބަދަހި ވާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކު މިހެން ކަންތައް ވާންވެއްޖެނަމަ މައްސަލަތައް ދިމާވެދާނެއެވެ. މިކަމަށް ވިސްނާށެވެ.

ކައިވެންޏެއް ދެމި އޮންނާނީ މިކަމަށް މަސައްކަތް ކުރުމުންނެވެ. މީހަކާއެކު ޒަވާޖީ ހަޔާތެއް ފަށާނީ ކޮންމެވެސް ވަރަކަށް އެމީހަކު އެނގި ހުރެއެވެ. ނަމަވެސް އެކުގައި އުޅެން ފެށުމުންވެސް އެތައްކަމެއް ބައިވެރިޔާގެ ކިބައިން ފެންނާނެއެވެ. ހިތްހަމަ ނުޖެހޭ ކަންކަންވެސް ފެންނާނެއެވެ. މިކަންތައްތައް ހައްލު ކުރެވޭނީ ވާހަކަ ދައްކައިގެންނެވެ. ބައިވެރިޔާއެކު ވަގުތު ހޭދަކުރާށެވެ. ބައިވެރިޔާއަށްޓަކައި ވަގުތު ހުސްކުރާށެވެ.