އައިފޯނުގެ ކުރީގެ މޮޑެލްތަކެއްގެ ފޯނުތަކެއް

އައިފޯނު ސްލޯކުރާތީ އެޕަލް ޖޫރިމަނާކޮށްފި

އައިފޯނުގެ ކުރީގެ މޮޑެލްތަކުގެ ފޯނުތައް ސްލޯކުރާތީ، ފްރާންސުން އެޕަލް ކުންފުނި 25 މިލިއަން ޔޫރޯ (27.4 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.

އެޕަލް ޖޫރިމަނާކޮށްފައިވަނީ ފްރާންސްގެ ކޮންސިއުމާ ވޮޗްޑޯގް އަދި ފްރާންސްގެ އިކޮނޮމިކް މިނިސްޓްރީގެ ބައެއްގެ ގޮތުގައި އޮންނަ "ދަ ޑިރެކްޓޮރޭޓް ޖެނެރަލް ފޮ ކޮމްޕެޓިޝަން، ކޮންސަޕްޝަން އެންޑް ދި ސަޕްރެޝަން އޮފް ފްރޯޑް" އިން ހިންގި ތަހުގީގުތަކަށް ފަހުގައެވެ.

އައިއޯއެސް ސޮފްޓްވެއާ އަޕްޑޭޓް ކުރުމުން، ކުރީގެ އައިފޯނުތައް ސްލޯވާކަމުގެ އަޑުތައް މީގެ ކުރިން ވަނީ ގަދަވެފައެވެ. ފޯނުތައް ސްލޯވާތީ އެކަމުގެ ޝަކުވާ މީހުން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވީފަހުން، އެޕަލް އިން ވަނީ ފޯނުތަކުގެ ސްޕީޑް ދަށްކުރާކަމަށް އެއްބަސްވެފައެވެ.

އައިފޯނުގެ ބެޓެރީ ބަދަލުކުރުމުން، ފޯނު ސްލޯވުމުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެ، 29 ޑޮލަރަށް ފޯނުގެ ބެޓެރީ ބަދަލުކޮށްދޭން އެޕަލް އިން ކަސްޓަމަރުންނަށް ހުށަހެޅިއެވެ. އެއާއެކު 2018 ވަނަ އަހަރު އެކަނިވެސް 11 މިލިއަން އައިފޯނުގެ ބެޓެރި ބަދަލުކުރިއެވެ.

އައިއޯއެސް އަޕްޑޭޓް ކުރުމުގެ ކުރިން، އެ އަޕްޑޭޓްގެ ސަބަބުން އަންނާނެ ބަދަލުތައް އެނގޭ ލިޔުމެއް އެޕަލް އިން އާންމުކުރެއެވެ.

ފްރާންސްގެ ވޮޗްޑޯގް އިން ހިންގި ތަހުގީގުން ހާމަވީ، އައިފޯނު 6، އައިފޯނު އެސްއީ އަދި އައިފޯނު 7 ގެ މޮޑެލްތަކުގެ ފޯންތައް އައިއޯއެސް 10.2.1 އަދި 11.2 އަޕްޑޭޓްކުރާއިރު، ފޯނު ސްލޯވާނެކަން އެ ލިޔުމުގައި އެޕަލް އިން ހާމަ ނުކުރާ ކަމެވެ.