ދަރިއަކު ހޯދަން ވިސްނާއިރު ސަމާލުވާން ޖެހޭ 4 ކަމެއް

ކައިވެންޏަށްފަހު ދަރިއަކު ހޯދަން ވިސްނައިފިންތަ؟ ދަރިއަކު ހޯދުމަށް ދެމަފިރިން ނިންމާ ނިންމުމަކީ ހަޔާތުގެ މުހިންމު ނިންމުމެކެވެ. ދަރިއަކު ހޯދަން ނިންމާއިރު ވަރަށް ބޮޑަށް ތައްޔާރުވާން ޖެހެެއެވެ.

މިއީ ދަރިއަކު ހޯދުމަށް ވިސްނާއިރު، ސަމާލުކަން ދޭންޖެހޭ މުހިންމު ހަތަރު ކަމަކަށެވެ.

 

ޑޮކްޓަރަށް އެޕޮއިންޓްމެންޓެއް ހައްދާ

މާބަނޑުވުމުން ސިއްހީ މައްސަލައެއް ކުރިން ދިމާވެފައިވާ މީހުންނާއި އުމުުރުން 35 އަހަރުން މަތީގެ އަންހެނުން ދަރިއަކު ހޯދަން ވިސްނާއިރު، ދާއިރާގެ ހާއްސަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ. ބަލިވެއިނުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މައްސަލައެއް ނޫނެވެ. އަލަތު ދަރިފުޅު ހޯދާއިރުވެސް ތިމާގެ ސިއްހަތު ތަންދޭތޯ ބަލައިލާށެވެ.

މާލީ ގޮތުން ސްޓޭބަލްވެ ތައްޔާރުވުން

ތުއްތު ދަރިފުޅަށް ކުރަންޖެހޭ ހަރަދު ކުޑައެއް ނުވާނެއެވެ. ދަރިފުޅަށް ނެޕީ އާއި އެނޫންވެސް ބޭބީ ޕްރޮޑަކްޓްސް ގަންނަން ޖެހޭނެއެވެ. އެހެންކަމުން ދުރާލާއި ތައްޔާރުވެލާށެވެ. މާލީ ގޮތުން ސްޓޭބަލްވެލާށެވެ.

ކެއިންބުއިމުގެ ވައްޓަފާޅި ބަދަލުކޮށްލާ

ސިއްހަތަށް ފައިދާހުރި ޑައިޓެއް ގެންގުޅެންވީ ހަމައެކަނި ދަރިއަކު ހޯދަން ތައްޔާރުވާއިރު އެކަންޏެއް ނޫނެވެ. އަބަދުވެސް ސިއްހަތަށް ފައިދާހުރި ކާނާ އެކުލެވޭ ޑައިޓެއް ގެންގުޅޭށެވެ. ބަލިވެއިނުމަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. ހޮޑުލެވުމާއި ބޯ އެނބުރުންފަދަ ކަންކަން ދިމާވެދާނެއެވެ. މިފަދަ މައްސަލަތައް މަދުކޮށް، ދުޅަހެޔޮކޮށް ހުރުމަށް ދުރާލާ ޑައިޓް ރަނގަޅުކޮށްލާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރަންތަ؟ އަވަހަށް ހުއްޓާލާ

ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އަވަހަށް އެކަން ހުއްޓާލާށެވެ. މާބަނޑު އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ. ދަރިފުޅަށްޓަކާ ބައްޕަވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާށެވެ.