މިއީ އާއިލީ ގޮތުން ވާރުތަކުރާ ބައެއް ބަލިތައް
ބައެއް ބަލިތަކަކީ އާއިލާގެ މެންބަރުންގެ ފަރާތުން، އާއިލާގެ އެހެން މެންބަރުންނަށް ވާރުތަކުރުމުގެ ފުރުސަތު އޮންނަ ބަލިތަކެކެވެ. މަންމަ/ބައްޕަ ނުވަތަ ކާފަ/މާމަ ގެ ފަރާތުންވެސް ސިއްހީ މައްސަލައެއް ވާރުތަކޮށްދާނެއެވެ. ދައްތަ/ބޭބެ ނުވަތަ ކޮއްކޮގެ ފަރާތުންވެސް ސިއްހީ މައްސަލަ ވާރުތަވުމުގެ ފުރުސަތު އޮވެއެވެ.
މިއީ އާއިލީ ގޮތުން ވާރުތަކުރާ ބައެއް ބަލިތަކެވެ.
ހިތުގެ މައްސަލަތައް
މަންމައަށް ހާޓް އެޓޭކެއް ޖެހިފައިވާނަމަ، ދަރިންނަށް ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު 20 އިންސައްތަ އިތުރުވެގެންދެއެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއިން ވަނީ އިތުރު ކަމެއް ހާމަވެފައެވެ. އެގޮތުން މަންމައަށް ސްޓްރޯކެއް ޖެހިފައިވާނަމަ ދަރިންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ.
އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރަކީ، އާންމުކޮށް އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން އެންމެ އާންމު އެއް ކެންސަރެވެ. އުރަމަތީގެ ކެންސަރަކީ ފިރިހެނުންނަށްވެސް ޖެހޭ ބައްޔެކެވެ.
އާއިލާގެ މެންބަރެއްގެ ހަށިގަނޑުގައި ބީއާރްސީއޭ 1 ނުވަތަ ބީއާރްސީއޭ 2 ޖީން ހިމެނޭނަމަ، އާއިލާގެ އެހެން މެންބަރަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ.
ހާއްސަކޮށް އުމުރުން 40 އަހަރުން މަތީގެ އަންހެނުން މަމްމޯގްރަމްސް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އުރަމަތީގެ ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ކުރާ ޓެސްޓެކެވެ. އާއިލާގެ މެންބަރަކަށް، އުރަމަތީގެ ކެންސަރު ޖެހިފައިވާނަމަ، ތިމާވެސް ކެންސަރަށް ސްކްރީން ކުރުން އެދެވިގެންވެއެވެ.
އަލްޒީމިއާ
އަލްޒީމިއާއަކީވެސް ވާރުތަކުރާ ކަމެކެވެ. މަންމައަކީ އަލްޒީމިއާ ތަހައްމަލުކުރަމުންދާ މީހެއް ނަމަ، ތިމާއަށް އަލްޒީމިއާ ޖެހުމުގެ ފުރުސަތު 30 އާއި 50 އިންސައްތައާ ހަމައަށް އިތުރުވެގެންދެއެވެ. އެހެންކަމުން މިއީވެސް ސަމާލުކަންދޭންޖެހޭ ކަމަކަށް މިވަނީވެފައެވެ.
ޑިޕްރެޝަން
އާއިލާގެ މެންބަރަކީ ޑިޕްރެޝަން ތަހައްމަލުކުރި ނުވަތަ ކުރަމުންދާ މީހެއް ނަމަ، އާއިލާގެ އެހެން މެންބަރުންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުސަތު 10 އިންސައްތައާ ހަމައަށް އިތުރުވެގެންދެއެވެ.
އާއިލާގެ މެންބަރަކީ ޑިޕްރެޝަން ތަހައްމަލުކުރި ނުވަތަ ކުރަމުންދާ މީހެއް ނަމަ، ޑިޕްރެޝަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ޑިޕްރެޝަންގެ ފުރުސަތު ކުޑަކުރުމަށް، ރަނގަޅަށް ނިދުމާއި، ދުންފަތު އިސްތިއުމާލު ކުރުމާއި ދުރުހެލިވުން މުހިންމެވެ. އަދި ސްޓްރެސް ކުޑަކުރުމަށް މަސައްކަތް ކުރާށެވެ.