ޓްވިޓާ ބޭނުންކުރާ ބައެއް ފަރާތުގެ މައުލޫމާތުތަކެއް އާންމުވެއްޖެ

ޓްވިޓާގެ ބިޒްނަސް ކްލައިންޓުންގެ ޒާތީ މައުލޫމާތުތަކެއް އާންމުވެއްޖެއެވެ.

ބިޒްނަސް ކްލައިންޓުންނަށް ޓްވިޓާއިން ފޮނުވި އީމެއިލެއްގައި، ވަނީ އެކަން ހާމަކޮށްފައެވެ. އާންމުވެފައިވާ މައުލޫމާތުތަކުގެ ތެރޭގައި އީމެއިލް އެޑްރެސްތަކާއި ފޯނު ނަންބަރުތަކާއި ކްލައިންޓުންގެ ކްރެޑިޓް ކާޑްގެ ފަހު ހަތަރު ނަންބަރު ހިމެނޭ ކަމަށް ބީބީސީ އިން ރިޕޯޓްކޮށްފައިވެއެވެ. މައުލޫމާތުތަކެއް ބްރީޗްވި މައްސަލައިގައި ޓްވިޓާއިން ވަނީ މައާފަށް އެދިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބްރީޗްގެ އަސަރުކޮށްފައިވަނީ ޓްވިޓާ އެޑްވަޓައިޒިން އަދި އެނަލިޓިކްސް ޕްލެޓްފޯމް ބޭނުންކުރާ ވިޔަފާރިތަކަށެވެ. މީގެ އަސަރު ކޮށްފައިވަނީ ކިތައް ފަރާތަށް ކަމެއް އަދި ހާމަކޮށްފައިނުވެއެވެ. ޓްވިޓާއިން ބުނިގޮތުގައި މައްސަލަ މިހާރު ވަނީ ހައްލު ކުރެވިފައެވެ.

މިއީ މިފަދަ ކަމެއް ޓްވިޓާއަށް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު ޓްވިޓާގެ އިންޓާނަލް ލީކެއްގެ ސަބަބުން ޕާސްވޯޑް ބަދަލުކުރުމަށް އަންގާފައިވެއެވެ.