ދަރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން އާއިލާ ރޫޅޭ!

ބެލެނިވެރިންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މީހުން، އެ މީހުންގެ ދަރިންގެ މެދުގައި ތަފާތުކުރުން ތަކެއް ގެންގުޅޭ ކަމަށް އެއްބަސްވެއެވެ. މި "ފޭވަރިޒަމް" ގެ ސަބަބުން ތުއްތު އިރުންސުރެއް ފަށައިގެން މިކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރެއެވެ. "ފޭވަރިޒަމް" ކުއްޖާއަށް "ޓްރޮފީ ޗައިލްޑް" ގެ ގޮތުންވެސް މުހާތަބު ކުރެވެއެވެ. މިކަމުގެ ސަބަބުން އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި ތަފާތު ގިނަ މައްސަލަތައް ޖެހޭ ގޮތްވެއެވެ.

މައިންބަފައިންނާއި ކުދިން ދެރަވުން

މިކަމުގެ ނޭދެވޭ އަސަރު މުޅި އާއިލާއަށް ކުރެއެވެ. ފުރަތަމަ ކަމަކަށް ބެލެނިވެރިންނަށް އެނގެންޖެހޭ ހަގީގަަކީ މިއީ ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެވޭ ވަރަށް ގޯސް އާދައެއް ކަމެވެ. އެއް ކުއްޖެއްގެ މައްޗަށް އަނެއް ކުއްޖަކު އިސްކޮށް، ދެ ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެއެވެ.

ދެވަނަ ކަމަކަށް މި ގޮތަށް ކަން ހިނގާނަމަ ބޮޑަށް ލޯބި ލިބުނު ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް، އެ ކުދިންނަށް އިހުސާސް ކުރެވޭނީ އެ ކުދިންގެ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތަ ދެކެ މައިންބަފައިން ލޯބިނުވާ ކަމަށެވެ. އަދި މަދުން ލޯބި ލިބުނު ކުއްޖާ، މައިންބަފައިންގެ ލޯބި ނުލިބުނީ އެ ކުދިންގެ ސަބަބުން ކަމަށް ހީކޮށް އަމިއްލަ ނަފުސު ކުށްވެރިކުރަން ފަށައެވެ.

ނަތީޖާއެއްގެ ގޮތުން އާއިލާ ތެރޭގައި މުއާމަލާތް ކުރުން ކުޑަވެ، އެއް ކުއްޖަކު އަނެއްކުއްޖަކާ މައްސަލަ ޖެހި އާއިލާ ރޫޅެން މެދުވެރިވެއެވެ.

 

މަދުން ލޯބިލިބޭ ކުދިން ހިތްހަމަ ނުޖެހި، މިކަމުގެ ނޭދެވޭ އަސަރު ވަރަށް ފުންކޮށް އެ ކުދިންނަށް ކުރޭ

ކުޑަކުދިންނަކީ މީހުންގެ ސަމާލުކަން ހޯދަން ވަރަށް މަސައްކަތް ކުރާ ބަޔެކެވެ. އަދި އެ ކުދިން ދުރައްލައިފިނަމަ އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ހޯދަން މަސައްކަތް ކުރެއެވެ. އަދި މި ގޮތަށް ސަމާލުކަން ހޯދަން އުޅުމުގެ ތެރޭގައި ގިނަ ފަހަރަށް މި ކުދިންނަށް ނޭނގި "ގޯސްގޮތް" އިހުތިޔާރު ކުރެވެއެވެ.

މި ގޮތަށް ސަމާލުކަން ހޯދަން އުޅުމުގެ ތެރޭގައި މި ކުދިން ރުޅިގަދަވެ، ބޮޑާހާކާ ހަދައެވެ. އަދި މި ގޮތަށް ބޮޑާހާކާ ހަދާއިރު، މައިންބަފައިން އެ ކުދިންނަށް ސަމާލުކަން ދޭނަމަ، އެ ކުދިން މިކަން ތަރުކާރު ކުރެއެވެ. އަދި މި ކުދިން ބޮޑެތިވުމުން، ނަފުސާނީ ބޮޑެތި މައްސަލަތައް މިކުދިންގެ ކިބައިން ފެނެއެވެ.

 

ކުއްޖާގެ ކުރިއެރުމަށް ބުރޫ އެރުން

 ސްކޫލުގެ ޓެސްޓް ދުވަސްކޮޅުވެސް ކޮންމެވެސް އެއް ކުއްޖަކަށް ބެލެނިވެރިން ސަމާލުކަން ދޭތަން އާދެއެވެ. މިހެން ވުމުން ސަމާލުކަން ނުލިބޭ ކުއްޖާގެ ކުރިއެރުމަށް ބުރޫ އަރައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މި ގޮތަށް ކަންކަން ކުރާނަމަ، ސަމާލުކަން ނުދެވުނު ކުދިން ދެރަވެ، އެ ކުދިން ވިސްނުން ކޮށިވެ، ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ގެއްލެއެވެ.

 

ބޮޑަށް ލޯބި ލިބޭ ކުދިން ބޮޑާވޭ

އާއިލާގެ އެހެން ކުދިންނަށްވުރެ ބޮޑަށް ލޯބި ލިބިގެން ބޮޑެތިވާ ކުދިންގެ ކިބައިގައި ބޮޑާކަން އަށަގަނެއެވެ.

ސައިކޮލޮޖިސްޓުން ބުނާ ގޮތުން ތިރީގައި އެވާ ސިފަތައް މިފަދަ ކުދިންގެ ކިބައިން ފެންނާނެ:

- މިކަހަލަ ކުދިން އެ ކުދިންނަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހީކޮށް، ބެލެނިވެރިން ކޮށްދޭ ރަނގަޅު ކަންކަން ބަލައި ނުގަންނާނެ.

- އެހެން ކުދިންނަށްވުރެ މޮޅު ކަމަށް ގަބޫލުކުރުން.

- އެހެން މީހުން ކަންކަން ކޮށްދޭނެ ކަމުގެ އުންމީދު ބޮޑުވުން.

- އެހެން ކުދިންނާ އެކުވެރިކަން ދެމެހެއްޓުމަށް އުނދަގޫވުން.

ކުދިންގެ ކިބައިގައި ބޮޑާ މި ސިފަ ހުންނަ ކަމުގައިވާނަމަ، މިކުދިން ބޮޑުވުމުން އަމިއްލަ ދިރިއުޅުމުގަޔާއި މަސައްކަތުގެ މާހަލުގައި ގިނަ ދަތިތަކާއި ކުރިމަތިވެއެވެ.

 

މަދުން ލޯބި ލިބޭ ކުދިން އަމިއްލަ ނަފުސަށް އެދޭ ކަންކަން ގިނަ

 މި ކުދިންނަށް މަދުން ލޯބި ލިބުމުގެ ސަބަބުން ކިޔެވުމުން ކުރި އަރަން މަސައްކަތް ކުރެއެވެ. މިސާލަކަށް އެ ކުދިންނަށް އިހުސާސްވާ ގޮތުގައި، މި ކުދިންނަށް ލޯބި މަދުން ލިބެނީ އަނެއް ކުއްޖާ މާ ރީތި ވީމައެވެ. އެހެން ކަމުން މިކަން ފޫބެއްދުމަށްޓަކައި ކިޔެވުމުން ކުރިއަރަން މަސައްކަތް ކުރެއެވެ.

ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯބި މަދުވެދާނެތީ މި ކުދިން ތިބެނީ އަބަދުވެސް ބިރުގަނެފައެވެ. އެހެންކަމުން ކުޅޭ އުމުރުގައި އެހެން ކުދިންނާ އެއްކޮށް ކުޅެ ސަކަރާތް ޖެހުމުގެ ބަދަލުގައި މި ކުދިން އުމުރަށް ވުރެ ބޮޑުވެ ހުރިހާ ކަމެއް ފުރިހަމަ ކުރަން މަސައްކަތް ކުރެއެވެ.

 

ކުދިންގެ މެދުގައި ގުޅުން ކުޑަވުން

  ކުޑަކުދިންގެ މެދުގައި މައްސަލަ ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އަދި ގިނަ ފަހަރަށް މިކަހަލަ މައްސަލަތައް ފެށިގެންދަނީ ބޭ އިންސާފުން ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. އާއިލާ ކުދިންގެ މެދުގައިވެސް މައްސަލަތައް ފެށުމުގެ އަސްލަކަށް މިކަންވެއެވެ. މިކަންކަމުގެ ސަބަބުން އާއިލާގައި ދެބަސްވުން އުފެދި، އެކަކު އަނެކަކު ކުށްވެރިކޮށް، މައްސަލަތައް ކުދިންގެ މެދުގައި ބޮޑުވެއެވެ.

 

ކުދިން ބޮޑެތިވުމުން މައިންބަފައިން ކިބައިން ބަދަލު ހިފާ

މި ކުދިންނަށް މަދުން ލޯބި ލިބުމުގެ ސަބަބުން މި ކުދިން ބޮޑެތިވުމުން މައިންބަފައިންނާއި ގުޅުން ކުޑަވެ، އެމީހުންނަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުވަތަ އަޅާލުމެއް ނުދެއެވެ.